އިމްޕޯޓް އެކްސްޕޯޓުން މިދިޔަ މޭ މަހު ދައުލަތަށް 357 މިލިއަން ރުފިޔާ އާމްދަނީއެއް ލިބިއްޖެ އެވެ.
ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ މެއި މަހަށް ވުރެ މި އަހަރުގެ މެއި މަހު އިމްޕޯޓް/އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ 19 ޕަަސެންޓް އިތުރުވެފަ އެވެ.
މިދިޔަ މަހު އެކްސްޕޯޓު ކުރި ވަރު ވަނީ 37 ޕަސެންޓް އިތުރުވެފަ އެވެ. އަދި އިމްޕޯޓުން ވަނީ 4.6 ބިލިއަން ރުފިޔާ ލިބިފަ އެވެ.
މިއަހަރުގެ އެހެން މަސް ތަކޭ އެއްގޮތަށް އެންމެ ގިނަ އަދަދެއްގެ މުދާ އެތެރެކުރީ އިންޑިއާއިންނެވެ. އޭގެ އިތުރުން ޔޫއޭއީ އާއި ޗައިނާ އާއި އޮމާން އާއި ސިންގަޕޯ އިން ވެސް ވަނީ ރާއްޖޭގެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކޮށްފަ އެވެ.
އިންޑިއާ އިން 900 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އިރު ޔޫއޭއީ އިން ވަނީ 645 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ. އޮމާން އިން 550 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އިރު ސިންގަޕޯއިން ވަނީ 400 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ.
މިދިޔަ މަހު އެންމެ ގިނަ މުދާ އެކްސްޕޯޓު ކުރީ ތައިލެންޑަށެވެ. އޭގެ އިތުރުން އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީ އާއި ބަންގްލަދޭޝް އަށް ވެސް މުދާ އެކްސްޕޯޓުކޮށްފައިވެ އެވެ.
މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ރާއްޖެއިން ބޭރުން 113 އުޅަނދުން މުދާ ގެންނަ އިރު ރާއްޖެއިން 134 އުޅަނދު ވަނީ ރާއްޖެއިން ބޭރަށް ގޮސްފަ އެވެ.