ވެރިކަން ނިންމުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ އާއި ގުޅިގެން ދަ ޑިމޮކްރެޓްސްއިން ގުޅިގެން އަންނަ ހަފްތާ ކަންމަތީ ޖަލްސާ އެއް ބޭއްވުމަށް ނިންމައިފި އެވެ.
ޕީޕީއެމް ކޯލިޝަނާއެކު ޑީމޮކްރެޓްސް އިން ވަނީ ސިޔާސީ މަސައްކަތްތައް ފަށައިފަ އެވެ. އަދި އެކަމުގެ މަޝްވަރާތައް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން މިސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ކުރަކަން ރަމްޒުކޮށް ދޭން ޕީޕީއެމް ކޯލިޝަނާ ގުޅިގެން ޑިމޮކްރެޓްސް އިން އަންނަ މަހު 3 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
މިއަދު ބޭއްވި މަޝްވަރާއަށް ފަހު ޑިމޮކްރެޓްސްގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އާލީ އާޒިމް ވިދާޅުވީ އެ ޖަލްސާ ބާއްވަނީ އެކުގައި މަސައްކަތް ކުރާކަން ރައްޔިތުންނަށް ހާމަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އާޒިމް ވިދާޅުވީ ދެޕާޓީ ގުޅިގެން އިތުރު މަސައްކަތްތައް ވެސް ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"މަސައްކަތް ކުރމަުން މިދަނީ މިސަރުކާރު ނިމުމަކަށް ގެނައުމަށް އެގޮތުން ކޮންމެ ދުވަހަކު ވާހަކަ ދައްކަމުން މިދަނީ ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދެވޭނީ ކޮން ކަންތައްތަކެއް ކަން. އެގޮތުން މިނިމުނީ އަންނަ މަހު 3 ވަނަ ދުވަހު ޖަލްސާ އެއް ބޭއްވުމަށް އެއީ ޕީޕީއެމްއާއި އެކު އެއްކޮށް މަސައްކަތް ކުރަކަން ހާމަ ކޮށްދޭން،" އާޒިމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޑިމޮކްރެޓްސް ރެޖިސްޓްރީވެ ރަނގަޅަށް އެޕާޓީ ފެށުމުން ދެ ޕާޓީ ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވާނެ ކަމަށެވެ.
ޕީޕީއެމްއާއި ޑިމޮކްރެޓްސްއާ ދެމެދު ހުރި ތަފާތުތަކާ އެކު ވެސް، މިސަރުކަރު ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެކަމަށް މަގެއް ހޯދޭނެ ކަމަށް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ދޫދެވެން ހުރި ކަންކަމުގައި ދޫދެވޭނެ ކަމަށެވެ. އަދި މިސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށާއި ރައްޔިތުންނަށް ހަމައަށް ވައުދުވި އެއްވެސް ކަމެއް މިސަރުކާރުން ކުރަމުން ނުދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.