ބާލީ (12 ޖެނުއަރީ) - އިންޑޮނޭޝިއާގެ ބާލީގައި ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން އެ ގައުމުގެ ގާނޫނުގެ ދަށުން އެއް އަހަރު ދުވަހަށް ޖަލަށްލާނެ ކަމަށް ބުނެފި އެވެ.

ބާލީގެ ޑެޕިއުޓީ މިނިސްޓަ އޮފް ލޯ އެންޑް ހިޔުމަން ރައިޓްސް އެޑްވާޑް ހިއެރެއިޖީ ވިދާޅުވި ގޮތުގައި އެގައުމުގެ ސިއްހީ ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ކަރަންޓީންވުމަށް ދެކޮޅު ހެދުމާއި، އާންމު ސަލާމަތާއި ނުރައްކަލަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މީހުންނާއި، ސިއްހީ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފުވާ މީހުންން ގިނަ ވެގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 100 މިލިއަން އިންޑޮނޭޝިއަން ރުޕިއާ (7142 ޑޮލަރު) އިން ޖޫރިމަނާ ކުރެވޭނެ އެވެ.

ހިއެރެއިޖީ ވިދާޅުވީ ވެކްސިން ޖެހުމަކީ ހުރިހާ އެންމެންނަށް އޮތް ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި ވެކްސިން ނުޖަހައިފި ނަމަ އެކަމުން ގެއްލުން ވަނީ އެ މީހަކަށް އެކަނި ނޫން ކަމަށާއި އެކަމުގެ އަސަރު އެންމެންނަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ވެކްސިން ޖެހުމަށް އެންމެން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވި އެވެ.

ޑެޕިއުޓީ މިިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ބޭނުމަކީ މީހުން ޖޫރިމަނާކުރުން ނުވަތަ ޖަލަށްލުމެއް ނޫނެވެ. މިކަމުގެ މައިގަނޑު މަގްސަދަކީ ކޮވިޑްގެ ވަބާއިން މުޅި ގައުމު ސަލާމަތް ކުރުމެވެ.

އިންޑޮނޭޝިއާގައި ވެކްސިން ދިނުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އެ ގައުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން އިމަޖެންސީކޮށް ވެކްސިން ދިނުމުގެ ހުއްދަ މިހަފްތާ ތެރޭގައި ދޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. - ބާލީ ސަން