ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން ހަރަކާތްތައް މިއަދު ރަސްމީކޮށް ފަށަން ނިންމައިފި އެވެ.

ޕީޕީއެމުން ބުނީ ޔާމީންގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުން މާލޭގައި މިއަދު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް އޮންނާނެ ކަމަށެވެ. މި ހަރަކާތް ފަށާނީ މިއަދު މެންދުރު 1:45 ގައި ކަމަށް އެ ޕާޓީން ބުނެ އެވެ.

މީގެ ކުރިން ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ އީދު ބަންދަށްފަހު ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް މުޅި ރާއްޖޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.

"އީދު ބަންދަށްފަހު އިންތިހާބުގެ ހަރަކާތްތައް ކިކް އޮފްކޮށް، ޕާޓީގެ ސިޔާސަތުތައް ނެރެ، މެނިފެސްޓޯ އިއުލާނުކުރާނެ ވާހަކަ ދަންނަވަން،" އަމީން ވިދާޅުވި އެވެ.

ޔާމީންގެ ކެމްޕެއިން ފަށަން ޕީޕީއެމުން ތައްޔާރުވަމުންދާއިރު އެމަނިކުފާނު މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މި ހުކުމުގެ ސަބަބުން ޔާމީނަށް އިންތިހާބުގައި ވާދަކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.

ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާއިރު އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ވެސް އެމަނިކުފާނަށް ވަނީ ދައުވާތަކެއްކޮށްފަ އެވެ. އެ މައްސަލައިގައި ޔާމީނަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ