ހުޅުމާލެ ހޮސްޕިޓަލްގައި އައިސީޔޫ އާއި އެންއައިސީޔޫއެއް ހެދުމަށް އެސްޓީއޯއާ މިއަދު ހަވާލުކޮށްފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެންއައިސީޔޫއެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މާރިޔާ ސައީދެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ 204 ދުވަހުގެ ތެރޭގައި އެ ދެ ތަން ތަރައްގީކޮށް ނިމޭއިރު، އެންމެ ޒަމާނީ ސިއްހީ ވަސީލަތްތަކާއެކު ގާއިމް ވެފައިވާ ކަސްޓަމައިޒްޑް ތަނަކަށް ވެގެންދާނެ ކަމަށެވެ. އެ ދެ ތަން ތަރައްގީ ކުރަން ހުޅުމާލެ ހޮސްޕިޓަލްގެ ބަޖެޓުން 39 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޕާކިސްތާނުން ހަދިޔާކުރި ތިން އެނދުގެ އައިސީޔޫއަކާ އެކު، ހުޅުމާލެ ހޮސްޕިޓަލްގައި އައިސީޔޫގެ ހިދުމަތް ފެށީ އޮގަސްޓް 2، 2010 ގަ އެވެ.

އެސްޓީއޯއިން ބުނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާ އެކު، ހުޅުމާލެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އަދަދު މިހާރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ. އަދި މީގެ 19 އަހަރު ކުރިން ހިދުމަތް ދޭން ފެށި އެ ހޮސްޕިޓަލަށް އެކަށީގެންވާ ފުރިހަމަ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް، މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަނުގެ ޖާގައިގެ ދަތިކަން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"އެހެނަސް މިހާރު ވަނީ މިހޮސްޕިޓަލްގައި މެންޓަލް ހެލްތްގެ ހިދުމަތާއި، ކުޑަކުދީން ހެދިބޮޑުވުމުގައި ދިމާވާ ތަފާތު ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ ދިނުމަށް ވަކި ހާއްސަ ސެންޓަރެއް ގާއިމު ކުރެވި އަދި ކެންސަރު ބަލީގެ ފަރާތްތަކަށް ހިދުމަތް ދިނުމަށް އޮންކޮލޮޖީ ސެންޓަރު ފަދަ ތަފާތު އެކިއެކި އާ ހިދުމަތްތައް ވަނީ ތައާރަފްކޮށްފައި،" އެސްޓީއޯއިން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އަލަށް ހަދާ އައިސީޔޫ އާއި އެންއައިސީޔޫގެ ކުރެހުމެއް. ފޮޓޯ: އެސްޓީއޯ

ހުޅުމާލޭ ހޮސްޕިޓަލްގައި މިވަގުތު ހިދުމަތް ދެމުން ދަނީ އެންމެ އޮޕަރޭޝަން ތިއޭޓަރަކުންނެވެ. އެހެންވެ ދުވަހުން ދުވަހަށް ކުރަން ޖެހޭ ބައެއް އޮޕޮރޭޝަންތައް ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެެވެ. އަލަށް ގާއިމްކުރާ އޮޕޮރޭޝަން ތިއޭޓަރު ޕްރޮޖެކްޓްގައި 5 އޮޕޮރޭޝަން ތިއޭޓަރެއް ހިމެނޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެގޮތުން ކަށީގެ، ލޮލުގެ، އަންހެނުންގެ ބަލިތަކަށް ހާއްސަ އަދި އާންމު ސާޖަރީތައް ހިމެނޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މިއާއެކު ހުޅުމާލެ ހޮސްޕިޓަލްގައި ދެމުންދާ ހިދުމަތްތަކަށް ބޮޑުކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މިވަގުތު އިތުރުވަމުން އަންނަ ބޮޑު އާބާދީއަށް ކޭޓާކުރުމަށް ހުޅުމާލޭގައި ހުރީ ޖުމްލަ 17 އައިސީޔޫ އެނދެވެ. މި މަޝްރޫއާއެކު އިތުރު 24 އައުސީޔޫ އެނދު ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން 10 އެނދުގެ އައިސީޔޫ އާއި 14 އެނދުގެ ހިމެނޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އަލަށް ހަދާ އައިސީޔޫ އާއި އެންއައިސީޔޫގެ ކުރެހުމެއް. ފޮޓޯ: އެސްޓީއޯ

"އެސްޓީއޯއިން ހިންގާ މި މަޝްރޫއު ނިމޭއިރު، ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫ އަކީ އެންމެ ޒަމާނީ މެޑިކަލް ވަސީލަތްތަކާއެކު ސިއްހީ އާލާތްތަކާއެކު އިންޓެގްރޭޓް ވެފައިވާ، ކަސްޓަމައިޒްޑް ތަނެއްގެ ގޮތުގައި ފެނިގެންދާނެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިހާރު ގާއިމްކުރެވިފައިވާ ސެންޓްރަލް ސްޓެރެލައިޒޭޝަން ޑިޕާޓްމަންޓަކީ ވެސް އެސްޓީއޯއިން ކުރިޔަށް ގެންގޮސްފައިވާ މިފަދަ ކާމިޔާބު އެއް މަޝްރޫއެއް،" އެ ކުންފުނިން ބުންޏެވެ.