މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލައި ނިމުމުން ބާކީވާ ވޯޓު ކަރުދާސްތައް ވަގުތުން އެ މަރުކަޒެއްގައި ނައްތާލަން ޕީޕީއެމުން ހުށަހެޅި ގޮތަށް ނުނިމި ދެ ހައްލެއް އިލެކްޝަންސް ކޮމިޝަނުން ހުށަހަޅައިފި އެވެ.
މިއަދު ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ވޯޓު ކަރުދާސްތައް އެއްކޮށް ނައްތާލެވޭނީ ގާނޫނުގައި އޮންނަ ގޮތުގެ މަތިން ވަކި މުއްދަތަކަށްފަހު ކަމަށެވެ.
ގާނޫނުގައި ބުނާ ގޮތުން ވޯޓު ކަރުދާސް ވަގުތުން ނައްތައެއް ނުލެވޭނެ އެވެ. އިންތިހާބާ ބެހޭ ގާނޫނުގައި ވޯޓު ކަރުދާހާ މެދު އަމަލުކުރަން ޖެހޭ މާއްދާ އަށް ރިއާޔަތްކޮށް އީސީން ވަނީ ދެ ހައްލެއް ގައުމީ ލަފާ ދޭ ކޮމިޓީގައި ހުށަހަޅާފަ އެވެ.
އެހެންކަމުން ކަރުދާސް އެއްކޮށް ނައްތާލުމުގެ ބަދަލުގައި އެއީ ބޭނުން ނުކުރާ ކަރުދާހެއްކަން ފާހަގަ ކުރުމަށް ކަރުދާހުގެ ކަން ކަނޑާލުން ނުވަތަ ޕަންޗު ކުރުން ކަހަލަ ކަމެއް ކުރެވިދާނެ ކަމަށް ހަބީބް ވިދާޅުވި އެވެ. ނަމަވެސް އެކަމަށް އިތުރު ހަރަދު ހިނގާނެ ކަމަށް ވިދާޅުވި އެވެ.
"ކޮމިޝަނުން ވިސްނި ވިސްނުމުގައި ގަބޫލުކުރެވުނީ ބާކީ ހުންނަ ކަރުދާސްތަކާމެދު ދެގޮތަކަށް އަމަލު ކުރެވިދާނޭ. އެއީ ވަކި ކަރުދާސް ކަފާލެވޭ ގޮތަށް ހެދިދާނެ. ވޯޓު ކަރުދާސް އަންނައިރު އެނގޭނެ އޭރުން ނޫނީ ބޮޅެއް ކަނޑާލެވިދާނެ. އެހެން ނޫނީ ޕަންޗަރެއް ފޮނުވަން ޖެހޭނެ. އެއީ އިތުރު ހަރަދެއް،" ހަބީބް ވިދާޅުވި އެވެ.
އެމްޑީޕީން ބުނީ ބާކީވާ ވޯޓު ކަރުދާހުގެ ކަނުން ކަފާލުން އެ ޕާޓީ އަށް މައްސަލައެއް ނެތެވެ.
އީސީން ބުނި ގޮތުގައި އިންތިހާބެއް ބޯމަތިވެފައި އޮއްވައި އެއްވެސް ގާނޫނަކަށް ބަދަލު ގެނައުމަކީ އެ ކޮމިޝަނުން ތަރުހީބުދޭ ކަމެއް ނޫނެވެ. އެކަމަކު ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެކަމުގައި ހޯދެން އޮތް އެންމެ ރަނގަޅު ހައްލެއް ހޯދާނެ އެވެ.