ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސް ބާލިން 2023ގައި ރާއްޖެއިން ބައިވެރިވި ޓީމް އިން ހޯދި ފަހުރުވެރި ކާމިޔާބީ ދިރާގުން ފާހަގަކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނިން ވަނީ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސް ބަރލިން 2023 ގެ ރާއްޖޭގެ ޑެލެގޭޝަންއާއި ކުޅުންތެރިންގެ ބެލެނިވެރިންނަށް މަރުހަބާ ކިޔާފަ އެވެ.
މިއަހަރުގެ ވަރލްޑް ގޭމްސްގައި ރާއްޖޭގެ ހަ އެތުލީޓުން ވަނީ އެތުލެޓިކްސް އާއި ބެޑްމިންޓަންގައި ބައިވެރިވެ، ދެ ރަން މެޑަލާއި އެއް ބްރޯންޒް މެޑަލް ރާއްޖެއަށް ހޯދައިދީފަ އެވެ.
- އައިޝަތު މާނިޔާ އާދަމް – ބެޑްމިންޓަން (ޑިވިޝަން 1) އިން ރަން މެޑަލް
- އައިޝަތު ލައިކާ ހުސައިން – 100 މީޓަރު ސްޕްރިންޓް (ލެވެލް ބީ – ޑިވިޝަން F07) އިން ރަން މެޑަލް
- ޒާނާ އަލީ ޝަރީފް – 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް (ލެވެލް ސީ - ޑިވިޝަން F03) އިން ބްރޮންޒް މެޑަލް
ރާއްޖެ ޓީމްގެ ކާމިޔާބީ ފާހަގަކޮށް އެތުލީޓުންގެ އަގުވަޒަންކުރުމުގެ ގޮތުން ދިރާގުން ވަނީ ވަރލްޑް ގޭމްސް ބަރލިން 2023ގައި ބައިވެރިވި ހަ އެތުލީޓުންނަށްވެސް އެކުންފުނީގެ ފަރާތުން އިނާމު ހަވާލުކޮށްފަ އެވެ. އެގޮތުން ރަން އަދި ބްރޮންޒް މެޑަލް ހާސިލްކުރި ތިން އެތުލީޓުންނަށް އެކުންފުނިން ވަނީ އެއް އަހަރު ދުވަހަށް ހިލޭ ދިރާގު ފައިބަ 100m ކަނެކްޝަންއެއް ދީފަ އެވެ. އަދި ޓީމުގެ އެހެން ކުޅުންތެރިންނަށް ވަނީ ސްޕޯޓްސް ގިފްޓް ވައުޗަރެއް ހަދިޔާކޮށްފަ އެވެ.
މި އިވެންޓްގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވަނީ ޓީމުގެ ޝަރަފުވެރި ކާމިޔާބީއަށް އެތުލީޓުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އަދި ރާއްޖޭއަށް ރީތިނަން ހޯދައިދީ، ގައުމަށް ކާމިޔާބީ ގެނެސްދިނުމަށް އެތުލީޓުން ކުރި މަސައްކަތަށް ފަޚުރުވެރިވާ ކަމަށާއި ކުރިއަށް އޮތްތާނގައި ވެސް ގިނަ ވަނަތަށް ހާސިލްކުރާތަން ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުންން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެ އެވެ. އަދި އެކި އެންޖީއޯތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އަންނަނީ އެއްބާރުލުން ދެމުންނެވެ.