މާލޭ ސިޓީ ކައުންސިލުން މިއަދު ހެނދުނު ފެށި ޖަލްސާގެ އެޖެންޑާއާ މެދު ހިތްހަމަނުޖެހިގެން ކައުންސިލަރުންތަކެއް ނުކުމެވަޑައިގެންފި އެވެ.

މިއަދުގެ ހެނދުނު ބާއްވަން އުޅުނު މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުން ބޮއިކޮއިޓް ކުރުމަށްފަހު ބައެއް ކައުންސިލަރުން ނިކުމެފައިވަނީ މިއަދު ޖަލްސާއަށް ކަނޑައަޅާފައިވާ އެޖެންޑާއަށް ހިތްހަމަނުޖެހިގެންނެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ޖަލްސާއަށް ކަނޑައަޅާފައިވާ އެޖެންޑާއަށް މޭޔަރު ޑރ. މުއިއްޒު ވޯޓަށް އެހުމުން، ހެންވޭރު ހުޅަނގު ދާއިރާގެ ޕީޕީއެމް ކައުންސިލަރު އަހުމަދު އައިފާން ވަނީ އޭނާ ހުށަހެޅުއްވި ދެ މައްސަލައެއް އެޖެންޑާ ކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއަށްފަހު ޖަލްސާ ދޫކޮށް ނުވަ ކައުންސިލަރުން ވަނީ ނިކުމެވަޑައިގެންފަ އެވެ.

ޖަލްސާ ދޫކޮށް ނިކުމެވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންނެވުމުގެ ކުރިން ކައުންސިލަރުން ވިދާޅުވީ އެޖެންޑާގައި ހިމެނުމަށް ހުށަހަޅާ ކަންތައްތައް އެޖެންޑާކޮށްދެއްވަން ވާނެ ކަމަށާއި އެނޫން ގޮތަކަށް ޖަލްސާ ކުރިއަށް ގެންދިއުމަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލުގެ ބައްދަލުވުމަށް ހުށަހަޅާ ކަންތައްތައް 72 ގަޑިއިރު ކުރިން ފޮނުވުމުން ގާނޫނާ އެއްގޮތަށް އެކަމެއް އެޖެންޑާގައި ހިމަނުއްވާނެ ކަމަށެވެ. އަދި މިއަދު ވޯކްއައުޓް ކުރެއްވި ކައުންސިލަރުން މުއްދަތަށް ވުރެ ފަހުން ކަމެއް އެޖެންޑާ ކޮށްދެއްވުމަށް އެދިވަޑައިގެންނެވުމުން ދެން އޮންނަ ޖަލްސާއަކަށް އެކަން އެޖެންޑާ ކޮށްދެއްވާނެ ކަމަށް ވިދާޅުވިކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޖުމްލަ 18 މެންބަރުން ތިއްބަވާއިރު، އޭގެތެރެއިން ނުވަ މެންބަރުން ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފަ އެވެ. އެ މެންބަރުން ޖަލްސާ ދޫކޮށްލުމާއެކު ޖަލްސާގެ ކޯރަމް ގެއްލުމުން ޖަލްސާ ވަނީ ހުއްޓާލާފަ އެވެ.