އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އިސްވެ ތިއްބަވައި އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން އަންނަ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާއަކީ ވަރަށް ކާމިޔާބު ޖަލްސާއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ރޭ ބޭއްވި ޖަލްސާއަށްފަހު ގާސިމް ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވީ ނުހަނު ކާމިޔާބު އެހާމެ ފުރިހަމަ ޖަލްސާއެއް ކަން ޔަގީން ކުރައްވާ ކަމަށެވެ. އެހެންކަމުން ޑިމޮކްރެޓްސްގެ މުއައްސިސް އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެންމެހާ މެމްބަރުންނަށް ތަހުނިޔާ ދަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ރޭ ބޭއްވި އާންމު ޖަލްސާގައި ވަނީ އެޕާޓީގެ ޕާޓީގެ ނަމާއި، ލޯގޯއާއި، ކުލަ ފާސްކޮށްފައެވެ.

ގިޔާސުއްދީން ސްކޫލު ހޯލުގައި ރޭ ބޭއްވި މިޖަލްސާގައި ރައީސް ނަޝީދާއި، އެމްޑީޕީން ވަކިވި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގެ އެންމެ ގިނަ މެންބަރުން ހިމެނޭ އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދުނީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުއެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ހިންގެވީ "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެކެވެ.

ޑިމޮކްރެެޓްސް އުފައްދަން ބޭއްވި ޖަލްސާގައި ވަނީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަނަކަށް އެޕާޓީގެ މުއައްސިސު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިންތިހާބުކޮށްފަ އެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީއަކީ އެމްޑީޕީގެ އެއްބައި ކަމަށެވެ. އަދި އެ ޕާޓީ ދޫކޮށް އައި މެމްބަރުންނާއި އެކު ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެޖޯރިޓީ އިންސަތަ އެވެ. ނުވަތަ މިއީ އެ ޕާޓީގެ 80 އިންސައްތަކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ. އެކަމަކު، ނެރޭނެ ކެންޑިޑޭޓަކު ނުނިންމަ އެވެ. ޑިމޮކްރެޓްސް ބޭފުޅުން ގެންދަވަނީ އެ ބޭފުޅުން ދޫދީގެން ނަމަވެސް ކެންޑިޑޭޓަކަށް ތާއީދު ކުރަން ޖެހޭ ހާލަތެއްގައި އެކަން ކުރާނެ ކަމަށް ބުނަމުންނެވެ.