އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔަ ފިލްމު "ބަވަތި"ގެ ކާމީޔާބީއަށް ފަހު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބެލުންތެރިންނަށް ގެނެސްދޭ ދެ ވަނަ ފިލްމު "ނިނާ" އަންނަ މަހު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ވަނީ ނިންމާފަ އެވެ. އިއްލެ ލިޔެ ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާ މިފިލްމުގައި ގިނަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާނެ އެވެ.
މިފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ނުޒުހަތު ޝުއައިބް (ނުޒޫ) ތަފާތު ތިން ލުކެއް ފެނިގެންދާނެ ކަމަށް މީގެ ކުރިން އިއްލެ ވަނީ ބުނެފަ އެވެ. ނުޒޫ ފެނިގެންދާނީ މީގެ ކުރިން ނުޒޫ ނުފެންނަ ފަދަ ރޯލަކުން ކަމަށްވެސް އިއްލެ ވަނީ ބުނެފަ އެވެ. މި ރޯލަށް ތައްޔާރުވުމުގެ ގޮތުން ނުޒޫ ވަނީ މާޝަލް އާޓްސް ވެސް ދަސްކޮށްފަ އެވެ.
އައިފިލްމްސްއިން މިވަނީ ނުޒޫ "ނީނާ" އިން ފެނިގެންދާ ތިން ލުކް އާންމުންނަށް ދޫކޮށްލާފަ އެވެ. އެގޮތުން ނުޒޫ ފެނިގެންދާނެ ތިން ސިފައިގެ ތެރޭގައި ޓަފް ދެ ލުކެއް ފެނިގެންދާއިރު ޒަޚަމްވެ ބަލިކަށިވެފައިވާ ސިފައެއްވެސް ފެނިގެންދެ އެވެ.
ބޮޑު ބަޖެޓަކުން އުފެއްދި "ނީނާ" އަކީ ހިއްވަރުގަދަ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. އެއީ ރުޅިގަދަ އެހެންނަމަވެސް އިންސާފަށް ލޯބިކުރާ މީހެއްގެ ބައި ފެނިގެންދާ ފިލްމެކެވެ.
"ނީނާ" ގެ ކާސްޓުންގެ ތެރޭގައި ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، މަރިޔަމް ރަޝީދާ އަދި ނަތާޝާ ޖަލީލު ހިމެނެ އެވެ.
ނީނާ ފިލްމުގެ ޕޯސްޓަރާއި ޓުރެއިލާ ޓީޒާ ވެސް ކުރިން ވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.