އިދިކޮޅުން ޕީޕީއެމް/ޕީއެންސީން ކުރި މުޒާހަރާ ކައިރިން ސައިކަލެއްގައި ކުޑަ ކުއްޖަކު ގޮވައިގެން ދިޔަ މީހަކަށް އަނިޔާކޮށް އޭނާ ހައްޔަރުކުރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ފުލުހުން އެކަން ދޮގުކޮށްފި އެވެ.
އިދިކޮޅުގެ ސަޕޯޓަރުން ބޮޑުތަކުރުފާނު މަގުން ބައެއް ބަންދުކޮށް އިއްޔެ އިހުތިޖާޖު ކުރަނިކޮށް އެ ސަރަހައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދިޔަ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
އެމީހާ ވަރަށް އަނިޔާވެރިކޮށް ހައްޔަރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް ވަނީ އާންމުވެފަ އެވެ. އޭނާ ހައްޔަރު ކުރުމުން ކުޑަ ފިރިހެން ކުއްޖާ އެތަނުން ގެންދިޔައީ އެހެން ބައެކެވެ.
މިމައްސަލާގައި ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސުލްހަވެރި އިހްތިޖާޖު ހިނގަމުން ދަނިކޮށް އެސަރަހައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި ކުރުން އެއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭ ކަމެއް ނޫން ކަމަށެވެ.
އެ ކޯލިޝަނުން ވަނީ ފުލުހުންގެ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެ މައްސަލާގައި ފާޑުކިޔުން އަމާޒުވުމުން ފުލުހުން ބުނީ އިއްޔެ ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ އަކީ އެތުރިގެން ތިބި ފުލުހުންގެ ސަފުގެ ކުރިމައްޗަށް އަރައި ފުލުހުންނާ ދިމާ އަށް އެއްޗެއް އެއްލި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް ކަމަށެވެ.
"އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި އިރު އެމީހާ ކައިރީ ކުޑަކުއްޖަކު ނެތްކަން ފާހަގަ ކޮށްލަމެވެ." ފުލުހުން ބުނެފައިވެ އެވެ.
އެހެން ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުންނާއި ވީޑިއޯތަކުން ކުޑަ ކުއްޖާ އެމީހާ ކައިރީގައި ހުންނަތަން ފެނިގެންދެ އެވެ. އަދި އޭނާ ހައްޔަރުކުރުމުން ކުޑަ ކުއްޖާ ހުރީ ފުލުހުންގެ ކައިރީގަ އެވެ. މިމައްސަލާގައި ފުލުހުން ދައްކާ ވާހަކަ ދެކޮޅު ނުހެޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.