ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލް ނުކުރަނީސް އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ފުއާދު މިފަދައިން ވިދާޅުވީ "އަދަދު" ނޫހުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ފުއާދު ވިދާޅުވީ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނުގެ ކެންޑިޑޭސީ އެކޮމިޝަނުން ބަލައިނުގަންނާނެ ކަމަށެވެ.

"ހުކުމް ބާތިލުނުކުރާހާ ހިނދަގު ވާދައެއް ނުކުރެއްވޭނެ. ކެންޑިޑޭސީ ބަލައެއް ނުގަންނާނެ. (ފޯމް) ސަބްމިޓް ކުރެއްވިދާނެ އެކަމަކު އަޅުގަނޑުމެން (ކެންޑިޑެސީ) ބަލައެއް ނުގަންނާނެ،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވައިލާފައި އޮންނަ މުއްދަތުގެ ތެރޭގައި ޔާމީނުގެ ހުކުމް ބާތިލުކޮށްފި ނަމަ އެމަނިކުފާނުގެ ކެންޑިޑޭސީ ކޮމިޝަނުން ވަގުތުން ބަލައިގަންނާނެ އެވެ.

ހުކުމް ބާތިލް ނުކުރަނީސް ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއިރު ގާނޫނު އަސާސީގައި ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ނަމަ އެހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ވާން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ.

އެހެންކަމުން ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނީ މަތީ ކޯޓަކުން ހުކުމް ބާތިލް ކުރުމުން ކަމަށް މީގެ ކުރިން ވެސް ގާނޫނީ ވަކީލުން އައީ ވިދާޅުވަމުންނެވެ.

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ހުކުމްކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އަރުވާފައި ވަނިކޮށެވެ. އެއާއެކު އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނައިރު، އިދިކޮޅުން ދޭ ޔަގީންކަމަކީ އެމަނިކުފާނު ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާނެ ކަމެވެ

އާރަށު މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. މިހާރު އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، ވަކީލުންނާއި ޕީޕިއެމްގެ ލީޑާޝިޕުން ބުނަމުން ގެންދަނީ އެމަނިކުފާނު މިނިވަންވެ، އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށެވެ.

ޕީޕީއެމް އިން އެންމެ ފަހުން ބުނެފައި ވަނީ ހައިކޯޓުން ގޮތެއް ނުނިންމި ނަމަވެސް ޔާމީން އިންތިހާބަށް ކުރިތިލުމުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.