މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދަން ހުށަހަޅާ މައުލޫމާތުތައް ނުދޭން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފި އެވެ.

މައުލޫމާތެއް ހޯދުމަށް އަމިއްލަ ފަރާތަކުން އެމްއޭސީއެލްގައި ލިޔުމުން އެދުމުން އެފަރާތަށް އެ ކުންފުނިން ދިން ޖަވާބުގައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ދޭންޖެހޭނީ ދައުލަތުގެ އިދާރާތަކުން ކަމަށެވެ.

އެ ގާނޫނުގައި ދައުލަތުގެ އިދާރާ ކަމަށް ބުނެފައި އެވަނީ ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި އަދުލުއިންސާފު ގާއިމް ކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމަތީ ޚިދުމަތްތަކާއި ގާނޫނު އަސާސީގެ ދަށުން އިންތިޚާބު ކުރެވޭ ކައުންސިލްތައް ހިމެނޭ ގޮތުން ކަމަށް އެ ކުންފުނިން ބުންްޏެވެ.

އެމްއޭސީއެލް އިން ބުނީ އޭގެއިތުރުން ދެން މައުލޫމާތު ދޭންޖެހޭނީ އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބި ހިނގާ ކޮންމެ ތަނެއް ކަމަށެވެ.

އަދި އެ ގާނޫނުގައި މައުލޫމާތު ދިނުން ލާޒިމް ތަންތަނުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމަނާފައިނުވާ ކަމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ފަރާތުން އެދުނީ ސީއީއޯ އާއި ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުގެ ތަފްސީލު ހޯދުމަށެވެ.

އެމްއޭސީއެލް އަކީ ގާނޫނު ބުނާ ގޮތަށް މިހާތަނަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އަހަރީ ރިޕޯޓު ފޮނުވާ ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ އިންފޮމޭޝަން އޮފިސަރު ކަނޑައަޅައި، ކޮމިޝަނަރުގެ އޮފީހުގެ ވެބްސައިޓްގައި އެ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.