ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން 16 އަތޮޅެއްގައި މިއަދު ފަށައިފި އެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ރަސްމީކޮށް ފަށާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހު އެވެ. އެދުވަހު ވަނީ މާލޭގެ ގޭގެއަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.

އަތޮޅުތަކުގައި ކެމްޕެއިންތައް ފެށުމަށް މިއަދު ވަނީ އޮންލައިންކޮށް ބައްދަލުވުންތަކެއް ބާއްވާފަ އެވެ.

ކެމްޕެއިން ފެށުމަށް ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ މ އަތޮޅު، ފ އަތޮޅު، ދ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު ގަ އެވެ.

ރައީސް ޔާމީންގެ ކެމްޕޭން ޝިއާރެއްގެ ގޮތުގައި ބޭނުން ކުރަނީ "ދިވެހީންގެ ރާއްޖެ" އެވެ.

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ހުކުމްކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އަރުވާފައި ވަނިކޮށެވެ. އެއާއެކު އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނައިރު، އިދިކޮޅުން ދޭ ޔަގީންކަމަކީ އެމަނިކުފާނު ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާނެ ކަމެވެ.

އާރަށު މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. މިހާރު އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، ވަކީލުންނާއި ޕީޕިއެމްގެ ލީޑާޝިޕުން ބުނަމުން ގެންދަނީ އެމަނިކުފާނު މިނިވަންވެ، އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށެވެ.