އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ޔާމީންގެ ލަފާފުޅާ އިރުޝާދުގެ މަތިން ޕީޕީއެމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާ އެކުގައި މުހިންމު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
ގާސިމްއާ އެކު ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަތެވެ.
ޖުމްހޫރީ ޕާޓީން ބައިވެރިވެފައިވަނީ ލީޑަރު ގާސިމް އިބްރާހީމާއި އަހުމަދު ނިހާން ހުސެއިން މަނިކެވެ. މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްސީލް ހާމަކޮށްފަ އެއް ނުވެ އެވެ.
އިދިކޮޅުން ކޯލިޝަނުންދަނީ ދަ ޑިމޮކްރެޓްސްއާއި އެކީގައިވެސް ސިޔާސީ މަޝްވަރާތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 4 ބައްދަލުވުމެއް ބާއްވާފައިވެ އެވެ. އެއަށްފަހު މޯލްޑިވްސް ނޭޝަނަލް ޕާޓީއާއެކުވެސް ވަނީ ސިޔާސީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.