ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާ ރަޖިސްޓްރީ ކުރެވުމާއި އެކު ދެން ކުރިއަށްދާނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށް ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދު ރަޖިސްޓްރީ ކޮށްދީފަ އެވެ. އެއާއި އެކު ޑިމޮކްރެތްސް ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ހަގު ސިޔާސީ ޕާޓީ އަށެވެ.

ޑިމޮކްރެޓްސް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނަން ފާސްކުރީ މިއަދު ބޭއްވި ކޮމިޝަންގެ 793 ވަނަ އާންމު ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޑިމޮކްރެޓްސްގެ ރަޖިސްޓްރީއާއި ހަވާލުވުމަށްފަހު އެޕާޓީގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމާއެކު އެޕާޓީން މިހާތަނަށް ކުރަމުން އައި މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.

އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރަން ހުރި މަސައްކަތްތައް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

"ޑިމޮކްރެޓްސް ރަޖިސްޓްރީވި ކަމުގެ ސެޓްފިކެޓް މިއަދު މިވަނީ ލިބިފައި އަޅުގަނޑުމެންގެ ސިޔާސީ މަސައްކަތުގަ އެންމެ ބޮޑަށް ވާނީ ރިޔާސީ އިންތިހާބުގެ މަސައްކަތްތަކާއި ޕާޓީ ލީޑުކުރަން ޕާޓީގެ މެމްބަރުން ނެގުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސްގެ ރަޖިސްޓްރޭޝަން އާއި ހަވާލުވުމަށް ފަހު އެޕާޓީގެ މުއައްސިސް ހަސަން ލަތީފް އަދި ހުސައިން އަމްރު އިލެކްޝަން ކޮމިޝަނުން ނިކުމެވަޑައިގަންނަވަނީ: ފޮޓޯ ހުރިހާ

ހަސަން ލަތީފް ވިދާޅުވީ މާދަމާރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސް އަށް ސޮއިކުރުމަށް ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗުގައި މާދަމާރޭ 20:30 ގައި ކަމަށްވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

18 އަހަރަށް ފަހު ރައީސް ނަޝީދު އެމްޑީޕީން އިސްތިއުފާދެއްވީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.