މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ރީބްރޭންޑްކޮށް ކުންފުނީގެ އާ ލޯގޯ އާއި ކުލަ އަދި ބްރޭންޑިން މިރޭ ރަސްމީކޮށް ލޯންޗުކޮށްފި އެވެ.
މިއީ އެމްޕީއެލްގެ 36 އަހަރުގެ ތާރީޚްގައި އެ ކުންފުނި ރީބްރޭންޑްކުރި ފުރަތަމަ ފަހަރެވެ. ކުރިން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)ގެ ނަމުގައި ހިންގުމަށްފަހު 2008 ވަނަ އަހަރު އެމްޕީއޭ ކޯޕަރަޓައިޒްކޮށް ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުވި އެވެ. އެކަމަކު މިހާތަނަށް އެމްޕީއެލް އިން ވެސް ބޭނުންކުރަމުން އައީ މީގެ 27 ވަރަކަށް އަހަރުކުރިން އެމްޕީއޭ އިން ބޭނުންކުރި ލޯގޯއެވެ.
އެމްޕީއެލްގެ އާ ލޯގޯ އާއި ކުލަ ރަސްމީކޮށް އިފްތިތާހުކުރީ ރޭ އެފްއޭއެމްގެ ދަނޑުގައި ބޭއްވި އެ ކުންފުނީގެ އަހަރީ ސްޓާފް ނައިޓްގަ އެވެ.
އެ ހަފްލާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މީގެ 27 އަހަރުވީ ލޯގޯ ބަދަލުކޮށް ކުންފުނިން ރީ ބްރޭންޑް ކުރީ ޕޯޓްގެ ޚިދުމަތް ޒަމާނީ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށެވެ.
"ޕޯޓްގެ ޚިދުމަތަށް ކުރިއެރުން ލިބިއްޖެ. ވަރަށް ގިނަ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވިއްޖެ. އެކަމަކު މިހާތަނަށް ކުންފުނީގެ ބްރޭންޑް އިމޭޖް އަދި ބްރޭންޑިންއެއް ހެދުމަށް އެއްވެސް މަސައްކަތެއް އޮތީ ނުކުރެވި. ޒަމާނީ ކޯޕަރޭޓް މާހައުލެއްގައި ޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ ޕްލޭންތަކާއެކު މަސައްކަތްކުރާއިރު، ކުންފުނީގެ ބްރޭންޑް އިމޭޖް ވެސް ޒަމާނީ ވާންޖެހޭ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކޯޕަރޭޓް ގަވާނަންސް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
ރީ ބްރޭންޑިންއާ އެކު ގެނައި އެންމެ މުހިންމު އެއް ބަދަލަކީ ޕޯޓް އޮޕަރޭޝަންސްގެ އެކި ދާއިރާތަކާ ގުޅޭގޮތަށް ޔުނިފޯމް ތައްޔާރުކުުމެވެ. ޒަމާނީ ޕޯޓްތަކުގައި މިހާރު ބޭނުންކުރަމުންދާގޮތަށް، ޕޯޓްގެ އޮޕަރޭޝަންސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު ވަކިން ވެސްޓް ލާކަށް ނުޖެހޭނެ އެވެ. މިހާރު ތައްޔާރުކޮށްފައިވާ ޔުނީފޯމްގައި "ހައި ވިޒިބިލިޓީ ފަށްތައް" ފަށްތައް ހިމެނިފައިވާނެ އެވެ.