90ގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅު ބޮލީވުޑްގައި އެންމެ މަޝްހޫރުވި އޮން ސްކްރީން އެއް ޖޯޑަކީ ޝާހްރުކް ޚާންއާއި ކާޖޮލް އެވެ. މިއަދާ ހަމައަށް ވެސް އެ ދެމީހުންގެ ޖޯޑަކީ ގިނަ ބަޔަކު ލޯބިކުރާ ޖޯޑެކެވެ.

ޝާހުއާއި ކާޖޮލްގެ ފެނިލުމަކަށް ކެތްމަދުވެފައި ތިބި މީހުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. ލަސްޓް ސްޓޯރީސްގެ މައި ރޯލަކުން ފެނިގެން ދިޔަ ކާޖޮލް މިވަނީ އެކަމަށް ފެހި ސިގްނަލެއް ދީފަ އެވެ.

މީޑިއާއަކަށް ދިން އިންޓަވިއު އެއްގައި ކާޖޮލް ބުނެފައިވަނީ އޭނާ އަލުން ޝާހްރުކް އާއެކު މަސައްކަތް ކުރަން ތައްޔާރު ކަމަށާއި އެފަދަ ފުރުސަތެއް ބޭނުންވެފައިވާ ކަމަށެވެ.

ކާޖޮލްގެ މި ބުނުމާއެކު ޝާހުއާއި ކާޖޮލްގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ އުފާ ފާޅުކޮށް ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކޮށްފަ އެވެ.

ޝާހުއާއި ކާޖޮލް ވަނީ ބާޒިގަރް، ދިލްވާލޭ ދުލްހަނިޔާ ލޭ ޖަޔެންގޭ، ކަރަން އަރްޖުން، ކުޗް ކުޗް ހޯތާހޭ އަދި ކަބީ ޚުޝީ ކަބީ ޣަމް ފަދަ ފިލްމުތަކުން އެކުގައި ފެނިގެން ގޮސްފަ އެވެ.

އެ ދެމީހުން އެންމެ ފަހުން އެކުގައި ފެނިގެން ދިޔައީ 2015 ވަނަ އަހަރު ނުކުތް ރޯހިތު ޝެޓީގެ "ދިލްވާލޭ" އިންނެވެ. އެ ފިލްމުގައި އެ ދެތަރިންގެ އިތުރުން ކްރިތީ ސެނޮންއާއި ވަރުން ދަވަން ވެސް ފެނިގެން ދިޔަ އެވެ.