އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މޭފުޅުގައި ރިއްސުމުގެ ސަބަބުން ހޮސްޕިޓަލުގައި ޓެސްޓު ތަކެއް ހައްދަވަމުން އެބަ ގެންދަވައެވެ. ފުރަތަމަ ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި ނަތަންޔާހޫއަށް ދިމާވެވަޑައިގެންނެވީ ހަށިގަނޑުގައި ފެން މަދުވުމުގެ ސަބަބުން ދިމާވި އުނދަގޫތަކެކެވެ.

ނަތަންޔާހޫގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި އޮފިޝަލަކު ބުނިގޮތުގައި އާދަޔާ ޚިލާފު އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. މި ހާދިސާ ހިނގީ އިޒްރޭލަށް އާދަޔާ ޚިލާފު ހޫނު ގަދަވެފައިވާ ދުވަސްކޮޅެއްގަ އެވެ.

އިޒްރޭލުގެ ޓީވީއިން އާންމުކުރި ވީޑިއޯއެއްގައި ނަތަންޔާހޫ ހޮސްޕިޓަލުގައި ހުންނަވައިގެން އިޒްރޭލުގެ ރައްޔިތުންނަށް ހޫނު ދުވަސްކޮޅު ބަލައިގެން އުޅުމަށް އިލްތިމާސްކުރައްވަ އެވެ.

"އަޅުގަނޑުގެ ހާލު ވަރަށް ރަނގަޅު. މި ހޫނު ދުވަސްވަރު ވީހާ ވެސް މަދުން އަތްވަށް ނިކުމެ އުޅުމަށާއި ގިނައިން ފެން ބުއިމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަން،" ހޮސްޕިޓާލުގައި ހުންނަވައި ވީޑިއޯ މެސެޖަކުން ނަތަންޔާހޫ އިޒުރޭލުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވިދާޅުވި އެވެ.

މިދިޔަ އަހަރު އޮކްޓޯބަރުގައި ވެސް ނަތަންޔާހޫ މިފަދަ ހާދިސާއެއްގައި ހޮސަޕިޓަލުގައި ޓެސްޓްތަކެއް ހެއްދެވި އެވެ. އެފަހަރު ވެސް ޓެސްޓުތަކުގެ ނަތީޖާއަށްފަހު ދޫކޮށްލި އެވެ.

އިޒްރޭލުގެ މީޑިއާތަކުން ޚަބަރު ދޭގޮތުގައި ނަތަންޔާހޫގެ ހާލުކޮޅު ދެރެވީ ހަފުތާ ބަންދުގައި އަމިއްލަފުޅު ގެކޮޅުގައި ހުންނަވަނި ކޮށެވެ.

ބޮޑުވަޒީރުގެ އޮފީހުން އާންމު ކުރި ބަޔާނެއްގައިވާ ގޮތުގައި އެއްވެސް ކަހަލަ މެޑިކަލް ޕްރޮސީޖާއެއް ކުރިޔަކަށް ނުގެންދެ އެވެ. އެހެންކަމުން ސަރުކާރު ހިންގުމުގެ ކަންތައްތަކަށް އެއްވެސް ބުރުލެއް މިހާދިސާގެ ސަބަބުން ނާދެ އެވެ.