ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުންގެ ރީ-ރަޖިސްޓްރޭޝަން ފޯމު އެ ގައުމުތަކުގެ އެމްބަސީތަކުންވެސް ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންތަކާއި އެމްބަސީތަކުން ރީ-ރަޖިސްޓްރޭޝަން ފޯމު ދޫކުރާނެ ކަމަށާއި ހޯމަ ދުވަހުން ހުކުރު ދުވަހަށް ފޯމު ބަލައިގަންނާނެ ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގެ އަށް ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފަ އެވެ.

ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ގައުމުތަކަކީ އިންޑިއާގެ ޓްރިވެންޑްރަމް އަދި ނިއުދިއްލީ، ސްރީލަންކާ، މެލޭޝިއާ، އިނގިރޭސިވިލާތް، ސިންގަޕޫރު، ތައިލެންޑް، ޖަޕާންއަދި ޔޫއޭއީ އެވެ.

މީގެ ކުރީގެ އިންތިހާބުތަކުގައި މާލޭގައި ވޯޓުލުމަށް ރީ- ރަޖިސްޓަރީވެފައިވާ މީހުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.

އީސީން ބުނީ އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށްޓަކައި ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެކަމަށެވެ.

މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ އަދި ފުވައްމުލަކުގެ އަވަށްތަކުގެ އޮފީސްތަކަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް އީސީން ބުންޏެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް އަދި (VR space ID.No Send to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކް ކުރެވޭނެ އެވެ.

އީސީން ބުނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 18 ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި ފައިނަލް ލިސްޓު އާންމު ކުރަން ވަނީ ނިންމައިފަ އެވެ.