ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ "އުންމީދު އޮތް" ބައެއް ކެންޑިޑޭޓުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތާ ބެހޭ މައުލޫމާތު ކޮމަންވެލްތުން ހޯދާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބަށް ކުރިމަތި ލެއްވުމަށް ހުޅުވާލާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި ރިޔާސި އިންތިހާބު އިންސާފުވެރި ކަމާއި އެކު ގެންދިއުމަށް ވަރަށް ގިނަ ގައުމުތަކުގެ މަޝްވަރާތައް ހޯދަމުން އަންނަ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާ އޮބްޒާވް ކުރުމަށް އާންމުކޮށް ހުޅުވާލި ފުރުސަތާ ގުޅިގެން، ދުނިޔޭގެ އެކި ޖަމިއްޔާ، ޖަމާއަތްތަކާއި، އެކިއެކި ގައުމުތަކުން އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ޔޫ.އެން، ޔޫރަޕިއަން ޔޫނިއަން، ކޮމަންވެލްތު، ޔޫ.އެސް އެއިޑް، އައިއެފްއީއެސް އާއި، އޮސްޓްރޭލިޔާ، ކެނެޑާ، ޖަޕާން، އިނގިރޭސި ވިލާތް އަދި އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުވެސް ބައްދަލުކުރައްވާފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނާއެކު އެކި ގައުމުތަކުންނާޢި ޖަމާއަތްތަކުން ކުރިއަށްގެންދާ ބައްދަލުވުންތަކުގައި އިންތިހާބު އޮބްޒާވް ކުރުވުމާ ގުޅޭ ގޮތުންނާއި، އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ހޯދާ، ދެފުށް ފެންނަ، އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މައްޗަށް މަޝްވަރާ ކުރާ ކަމަށް ހަބީބު ވިދާޅުވި އެވެ. އަދި ބައެއް ޖަމާއަތްތަކުންނާއި ގައުމުތަކުން އިންތިހާބުގެ މަސައްކަތްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ކޮލަމްބިޔާ ގައި ބޭއްވި ދުނިޔޭގެ އިލެކްޝަންސް ޖަމްޢިއްޔާ އޭވެބް ގެ އެގްޒެކްޓިވް ބޯޑު މީޓިންގައި ބައިވެރިވެ އެކި ގައުމުތަކުގެ ކޮމިޝަނަރުން، އެ ބައްދަލުވުމުގެ ހަވާސާގައި، ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު އާ ވެސް ބައްދަލު ކުރައްވައި، ރިޔާސީ އިންތިހާބު އޮބްޒާވް ކުރެއްވުމާއި، ގުޅުން ބަދަހި ކުރުމުގެ މަޝްވަރާ ކޮށްފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

މީގެ އިތުރުން ޔޫއެންޑީޕީ އިންނާއި، އީޔޫގެ ޑެލިގޭޝަނުންނާއި، ކޮމަންވެލްތުގެ ޕްރީ އެސެސްމެންޓް މިޝަންގެ ބޭފުޅުންގެ ފަރާތްޕުޅުން ވެސް އިންތިހާބު އިންތިޒާމުތައް ރާވަމުންދާ ގޮތާއި، މަސައްކަތްތައް ކުރިއަށްދާގޮތް ވަރަށްގާތުން ބަލަމުން ގެންދާ ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ކޮމަންވެލްތުގެ ޓީމުން "އުންމީދު އޮތް" ބައެއް ކެންޑިޑޭޓުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތާ ބެހޭ ގޮތުން ވެސް މައުލޫމާތު ހޯދާފައިވާ ކަމަށެވެ. ބޭރުގެ ވީހާ ވެސް ގިނަ ފަރާތްތަކުން އިންތިހާބު އޮބްޒާވް ކުރުމަކީ، އިންސާފުވެރި ކަމާއެކީގައި އިންތިހާބުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ލިބޭ ހިތްވަރެއް ކަމަށާ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ދެފުށް ފެންނަގޮތަށް، ރިޔާސީ އިންތިހާބު ގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ މައްޗަށް ނޫން ގޮތަކަށް، ބޭރުގެ އަދި އެތެރޭގެ އެއްވެސް ފަރާތަކުން ވެސް، އެއްވެސް މަޝްވަރާއެއް ކޮމިޝަނަށް ދީފައިނުވާ ކަމަށް ހަބީބު ވަނީ ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމުން ރައީސް ޔާމީން އާއި އެމްއެންޕީން މުހައްމަދު ނާޒިމް އާއި ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.

އިންތިހާބާސް ކުޑަ ދުވަސްކޮޅަކަށް ވެފައިވާ އިރު އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަދި ގެއްލިފައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓް ރައީސް ޔާމީން އާށެވެ. އެމަނިކުފާނު ހުންނެވީ 11 އަހަރުގެ ޖަލުހުކުމެއްގަ އެވެ.