ވ. ރަކީދޫގައި މިސަރުކާރުން ތަރައްޤީކުރި ބަނދަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފި އެވެ. ރައީސް ސޯލިހު މުލަކަތޮޅަށާއި ފެލިދެއަތޮޅަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި މިއަދު ހެނދުނު އެމަނިކުފާނު ވަނީ، ވ. ރަކީދޫއަށް ވަޑައިގެން އެރަށުގެ ބަނދަރުހުޅުއްވައި ދެއްވައި، ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފަ އެވެ.

ވ. ރަކީދޫ ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީސީސީއާ ހަވާލުކުރައްވައިގެންނެވެ. މިގޮތުން، ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، 5554 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، 164 މީޓަރުގެ ސަރަހައްދުގެ އެއްގަމުތޮށިލައި، 492 އަކަމީޓަރު ސަރަހައްދެގައި ވަނީ ޕޭވްމެންޓް އަޅާފަ އެވެ. އަދި ނެރުފުންކުރުމާއި ނެރު ބައްތިޖެހުމާއި އޮޑިދޯނިފަހަރު އެހެލާ ސަރަހައްދެއް ހެދުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެ ދަށުން ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 45 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހައި 200 މީޓަރު ސަރަހައްދެއްގައި ވަނީ ބޭރުތޮށިލާފަ އެވެ. އަދި މޫދަށް އެރޭ ސަރަހައްދުގެ ގޮތުގައި، 40 މީޓަރު ދިގު އަދި 20 މީޓަރު ފުޅާ ސަރަހައްދެއް ފުންކޮށްފައިވެ އެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.