ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ބާރާ ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރު އަދި ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިހާބެއް އިންސާފުވެރިއެއް ނުވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންޞާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް ގޮވާލާކަމަށް އަބުދުއްރަހީމް ވަނީ ގޮވާލައްވާފަ އެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ސާބިތުވެ ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ދަށު ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން މިވަގުތު ޗުއްޓީގައި ތިއްބެވުމާ ގުޅިގެން ރައީސް ޔާމީންގެ ޝަރީއަތް މިހާރު ވަނީ ހުއްޓިފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުން ކުރިމަތިލުމަށް މިމަހުގެ 23 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެ އެވެ. އެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެތީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް ނުނިމުނަސް އިދިކޮޅުން ވިސްނަނީ އިންތިހާބުގައި ވާދަކުރުމަށް ޔާމީންގެ ފޯމު ހުށަހެޅުމަށެވެ. ނަމަވެސް ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ ފޯމު ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވެސް ގެންދަނީ ބުނަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހިނދަކު ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.
އަބުދުުއް ރަހީމް މެން އަންނި ޖަލުގަ ބާއްވައިގެން ބޭވި އިންތިހާބްވެސް ހަދާނެއްނެތް