މި އަހަރުގެ ރިޔާސީ އިންތިހާބަށް، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމުގައި ރާއްޖޭއިން ބޭރުގައި ތިބި ފަރާތްތަކަށް އޮންލައިންކޮށް އެކަން ކުރުމުގެ ފުރުސަތު މިފަހަރު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އޮންލައިންކޮށް ރީ-ރެޖިސްޓާ ކުރުމަށް ބޭރުގައި ތިބި ފަރާތްތަކަށް އޯޓީޕީ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ ސޯޝަލް މީޑިއާގައި ޝަކުވާތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް އޮންލައިންކޮށް ރީ-ރެޖިސްޓާ ކުރެވޭ ގޮތް މިފަހަރުގެ އިންތިހާބާ ދިމާކޮށް ހަމަ ނުޖެއްސުނު ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށެވެ.

"ކޮލަމްބޯ، ޓްރިވަންޑްރަމް، ލަންޑަން، ކުއަލަލަމްޕޫރު، ފަދަ ރަށެއްގައި ހުންނެވި ނަމަ އެ ރަށެއްގައި ހުންނަ ހައި ކޮމިޝަނަށް ރީ-ރެޖިސްޓްރޭޝަން ފޯމު ހުށަހެޅުއްވުން އެދެން" ފުއާދު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލީ މި މަހުގެ 16 ގަ އެވެ. އެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ. ނަމަވެސް އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ މި މަހުގެ 29 އާ ހަމައަށެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންތަކާއި އެމްބަސީތަކުން ރީ-ރަޖިސްޓްރޭޝަން ފޯމު ދޫކުރާނެ ކަމަށާއި ހޯމަ ދުވަހުން ހުކުރު ދުވަހަށް ފޯމު ބަލައިގަންނާނެ ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގެ އަށް ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފަ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް އަދި (VR space ID.No Send to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކް ކުރެވޭނެ އެވެ.

އީސީން ބުނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 18 ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި ފައިނަލް ލިސްޓު އާންމު ކުރަން ވަނީ ނިންމައިފަ އެވެ.