ޑީއާރުޕީން އެމްޓީސީސީ އަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އެޕާޓީގެ ބާނީ އަދި ޒައީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމި މައްސަލަ އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ރައީސް މައުމޫނު ޑީއާރުޕީ ހިންގެވި އިރު އެޕާޓީން އެމްޓީސީސީ އިން ކުރި ދަތުރު ތަކަށާއި އެކުންފުނިން ހޯދި އެކި ހިދުމަތްތަކަށް ޑީއާރުޕީ އިން ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މީގެ ކުރިން ހުކުމް ކޮށްފައިވެ އެވެ. އެހެން ނަމަވެސް އެފައިސާ ހުކުމާ އެއްގޮތަށް ދައްކަމުން ނުދާތީވެ އެމްޓީސީސީ އިން ކޯޓުގައި އެދުނީ އެ ދަރަންޏަށް ރައީސް މައުމޫން ޒިންމާ ކުރުވުމަށެވެ. އެއީ އެ ދަރަނީ އުފެދުނު އިރު ޕާޓީގެ އިސްމަގާމުގައި ހުންނެވީ ރައީސް މައުމޫން ކަމަށްވާތީ އެވެ.

އެމްޓީސީސީ އިން އެދުނު ގޮތަށް ރައީސް މައުމޫން އެ ދަރަނި ދައްކަން އަމުރު ކޮށްދެވެން ނެތް ކަމަށް މިދިޔަ މަހު ސިވިލްކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އެދަރަނި ރައީސް މައުމޫން ދައްކަން ނުޖެހޭ ކަމަށް ސިވިލްކޯޓުގެ ހުކުމުގައިވެ އެވެ. އެހެންވެ އެމްޓީސީސީ އިން އެމައްސަލަ މިދިޔަ ހަފްތާގައި ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ޑީއާރުޕީ އަކީ 2008 ވަނަ އަހަރު ރައީސް މައުމޫން އުފެއްދެވި ސިޔާސީ ޕާޓީ އެވެ. އަދި އެއީ ރާއްޖޭގައި އޭރު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. ޑީއާރުޕީ މިހާރު ވަނީ އުވާލާފަ އެވެ.

މިފަހުން ޑީއާރުޕީ ހިންގެވުމަށް ހުންނެވިީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. އެހެން ނަމަވެސް ޕާޓީ އުވާލައްވާ ޖާބިރު ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފަ އެވެ.