މަޝްރޫއުތައް ހިންގަންވާނީ ހަމައެކަނި ވެރިކަން ބޭނުންވެގެން ނޫން ކަމަށާއި ދެވަނަ ދައުރެއްގެ ބޭނުމުގައި މަޝްރޫއުތައް ހިންގުމަކީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ "ފަސޭހަ ވިޔަފާރި" ސިޔާސަތު އިފްތިތާހު ކުރުަމަށް ބ. ތުޅަދޫގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޝްރޫއުތައް ހިންގަންވާނީ އޭގެން ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް ކަމަށާއި އެއްގޮތަކަށްވެސް ދެވަނަ ދައުރެއްގެ ބޭނުމުގައި ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ ބައެއް ޕާޓީތަކުން ދެވަނަ ދައުރެއް ހޯދުމަށް އެކުރާ މަސައްކަތް ފެނުމުން ކަންބޮޑުވާ ކަމަށެވެ. ހަމައެކަނި ވެރިކަން ކުރުން އެއީ އެއްވެސް މީހެއްގެ މަގްސަދަކަށް ވެގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެއްވެސް މީހަކު ބޭނުންވެގެން އުޅޭ ކަމަކީ ތާއަބަދަށް ވެރިކަން ކުރުން ކަމަށް ވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ކަންބޮޑު ވުމެއް. ދެވަނަ ދައުރެއްގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއްވެސް ކުރުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ތިބޭފުޅުންނަށް ވެސް އަދި މުޅި ރާއްޖެއަށްވެސް ރަނގަޅު ކަމެއްނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޑިމޮކްރެޓުންނަކީ ރާއްޖޭގެ ވެރިކަން ވަރަށް ރަނގަޅަށް ހިންގޭނެ ބައެއް ކަމަށެވެ. އަދި ވެރިކަމަށްޓަކައި ކުރާ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެވޭނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ ހަމައެކަނި މަޖިލީހުގެ މެމްބަރުން ވަކި އަތަކަށް ލެންބުމަށް ބޭނުން ކުރާ ވަސީލަތެއް ކަމަށެވެ. މަސައްކަތެއް ކުރަން ލޯނެއް ދިނަސް އޭގެން މަންފާއެއްވާތަނެއް ނުފެނި މިދަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލިސް ކޮންޓްރޯލްކުރަން ޖެހިވަޑައިގަންނަވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.