މި އަހަރުގެ 30 މެއި ވީ އަންގާރަ ދުވަހު ސަރުކާރުން އިފުތިތާހު ކުރެއްވި އާ ޑިޖިޓަލް ޕްލެޓްފޯމް، "ޖެމްސް ވޯކްސްޕޭސް" ސަރުކާރުގެ ބައެއް އިދާރާތަކުން ރަސްމީކޮށް ބޭނުންކުރަން ފަށައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފި އެވެ.
އެކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގަ އެވެ.
"ގަވަރންމަންޓް އީ-ލެޓަ މެނޭޖްމަންޓް ސިސްޓަމް" ގެ ބަދަލުގައި، މިހާރު ބޭނުންކުރަމުންދާ "ޖެމްސް ވޯކްސްޕޭސް" ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ. މީގެ އިތުރުން ޖެމްސް ވޯކްސްޕޭސް ބޭނުންކުރުމުގެ މަރުހަލާތައް ނިމިގެންދާއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށް ވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަކަށް ސިޓީ ފޮނުވައި މުއާމަލާތްކުރެވޭނެ އެވެ.
“ޖެމްސް ވޯކްސްޕޭސް" ބޭނުންކުރަން ފަށައިފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، ހޯމް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އެންވަޔަރުމަންޓް މިނިސްޓްރީ އާއި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީންނާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިންނާއި، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން، އެ ތަންތަނަށް އަމިއްލަ ފަރުދުން ހުށަހަޅާ ކަންކަމަށް މި ވަގުތު ވެސް ޖަވާބު ދިނުމަށް ފެށުމަށް ކަމުގައި ދެންނެވުމުގައި ބަޔާންކުރައްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެންވުމުގައި "ޖެމްސް ވޯކްސްޕޭސް" ޕްލެޓްފޯމްގެ ސަބަބުން، ލިބޭނެ ލުއި ފަސޭހަތަކުގެ އިތުރުން “ޖެމްސް ވޯކްސްޕޭސް" ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ ތިން މަރުޙަލާއަށް ބަހައިލައިގެން ކަމުގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން މި ދެންނެވުމުގައި، ސަރުކާރުގެ އިދާރާތަކުގައި "ޖެމްސް ވޯކްސްޕޭސް" ތަންފީޒުކުރުމުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުމުގައި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ސަރުކާރުގެ އިދާރާތަކުން އެއްބާރުލެއްވުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
"ޖެމްސް ވޯކްސްޕޭސް" އަކީ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން އޮފީސް ބަންދު ގަޑިތަކުގައި ވެސް އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ހުރަހެއް ނޯންނާނެ ފަދައިން ޑިޖިޓަލް ސަރުކާރުގެ ނިޒާމް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު ޕްލެޓްފޯމެކެވެ. އަދި މި ސަރުކާރުގެ ސިޔާސަތެއް ކަމަށްވާ އަދުގެ ދުނިޔޭގައި މިސާލުޖަހާ ފަދަ "ސްމާޓް ނޭޝަން" އަކަށް ވުމަށް މިސްރާބު ޖަހަން ފެއްޓުމަށް ވެސް "ޖެމްސް ވޯކްސްޕޭސް" އެހީތެރިވެދޭނެ އެވެ.