ސަންކުންފުންޏަށް ޑޮލަރު ޖަމާކުރަން ދިން ޗެކުގައި ރައީސް ޔަމީންގެ ނަމާއި އަހުމަދު ކްރިކް ރިޒާގެ ނަން އޮތް ކަމަށް ސަން ކުންފުނީގެ ކުންފުނީގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު ސްރީތަކުމާރު ޝަރީއަތުގައި ހެކިބަސް ދީފި އެވެ.
މި މައްސަލައިގައި ދައުވާ ލިބެނީ ކުރީގެ ރައީސް ޔާމީނަށާއި އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިންގެ ހެކި ބަސް ނެގުމެވެ. މިއަދު ހެކިބަސް ނަގާފައި ވަނީ ޑޮލަރުގެ މުއާމަލާތް ކުރި އިރު ސަން ކުންފުނީގެ ފައިނޭންސް ޑިރެކްޓަރު ސްރީތަކުމާރުގެ ހެކިބަހެވެ.
އޭނާ ހެކިބަސް ދެމުން ބުނެފައިވަނީ ރައީސް ޔާމީން ޑޮލަރު މާރުކުރުމަށް ބޭނުންވާކަމަށް އޭނާއަށް އެންގީ ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމް ކަމަށާ އަދި އެކަން ހަމަޖެއްސުމަށް އެ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް އާއެކު މީހަކު ފޮނުއްވާނެ ކަމަށް ސިޔާމް ވިދާޅުވި ކަމަށް އޭނާ ބުންޏެވެ. އަދި ފަހުން މައުރޫފް އާއި ކްރިކް ރިޒާ ގޮސް ޗެކް އެއް ދިން ކަމަށާއި އެ ޗެކުން އެއްމިލިއަން ޑޮލަރު ސަން ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭގެ ފަހުން އެފައިސާ ސަން އިންވެސްޓްމަންޓުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އޭނާ ހެކިބަސްދެމުން ބުންޏެވެ.
ދެވަނައަށް ހެކިބަސްދޭން ހަމަޖެހިފައިވާ މީހާގެ ހެކިބަސް ނެގުމަށް ހާޒިރުކުރީ ރާއްޖޭގައި ހުންނަ ސައޫދީ އަރަބިޔާގެ ކޮންސިއުލޭޓްއަށެވެ. އެހެންވެ ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ބޭރުގައި ތިބޭ މީހުންގެ ހެކިބަސް ނެގޭނީ އެމްބަސީއަކަށް ހާޒިރުކޮށްގެން ކަމަށް ވާތީ އޭނާގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އޭނާގެ ހެކިބަސްނުނެގުމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ. އެހެން ނަމަވެސް މިހާރު ވަނީ ކްރިކް ރިޒާގެ މައްސަލަ ވަގުތީ ގޮތުން ނަގާފަ އެވެ.