ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު އިއުލާން ކުރައްވައިފި އެވެ.

އިލްޔާސް ކުރެއްވި ޓްވީޓުގައި ވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް އޭނާ ގަސްތުކުރައްވާތީ، މެމްބަރުންގެ ތާއީދަށް އެދިވަޑައިގެންފަ އެވެ.

ދަ ޑިމޮކްރެޓްސް އިން ކުރި އިއުލާނުގައި ވަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ މީހުން، އެ މީހެއްގެ ވަނަވަރާއި އައިޑީކާޑުގެ ކޮޕީއާއެކު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

އެ ޕާޓީން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާއްމުކުރާނެ ކަމަށާއި އެ ލިސްޓަށް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަނުކުރައްވާނެ ކަމަށެވެ. ޑި މޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓަކު ނެރެން ނިންމާފައިވާއިރު، އިއްޔެ ރައީސް ނަޝީދާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިއްޔެ ބައްދަލުކޮށް ވަނީ ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެފަ އެވެ.