އުމުރުގައި ތަފާތު ގިނަ ގައުމުތަކަށް ދަތުރު ކުރުމަކީ ގިނަ ބައެއްގެ ހުވަފެނެކެވެ. ވަޒީފާ އަދާކުރާ އުމުރަށް އެޅީއްސުރެ ވީހާވެސް ގިނަ ގައުމަކަށް ދާން ހިތުލައިގެން މަސައްކަތް ނުކުރާ މީހަކު އަހަރުމެންގެ ތެރޭގައި ވެސް މަދުވާނެ އެވެ.

މިފަހަރު މިއޮތީ މުޅިން ތަފާތު ވާހަކަ އެކެވެ. އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކު، އާއްމު އިންސާނަކު އޭނާގެ އުމުރުގައި އެވްރެޖްކޮށް ދަތުރުކުރާ ގައުމުތަކުގެ އަދަދަށްވުރެ އެތައް ގުނައެއް ގިނަ ގައުމަކަށް ދަތުރު ކުރި ވާހަކަ އެކެވެ.

އިންޑިއާ ނަސްލަށް ނިސްބަތްވާ އިނގިރޭސި ރައްޔިތެއް ކަމަށްވާ އުމުރުން 10 އަހަރުގެ އަދިތީ ތުރިޕާތީ ވަނީ އޭނާގެ ޅަ އުމުރުގައި ތަފާތު 50 ގައުމަކަށް ދަތުރު ކޮށްފަ އެވެ. އޭނާ އެ ހުރިހާ ދަތުރެއް ކޮށްފައިވަނީ ސްކޫލުގެ އެންމެ ދުވަހެއް ވެސް ދޫކޮށް ނުލަ އެވެ.

އެކައުންޓަންޓުންގެ ގޮތުގައި މަސައްކަތްކުރާ އަދިތީގެ މައިންބަފައިން ގަބޫލުކުރާ ގޮތުގައި ގިނަ ތަންތަނަށް ދަތުރުކޮށް ތަފާތު ތަޖުރިބާތައް ކުރުމަކީ ތައުލީމާ އެއްވަރަށް މުހިއްމު ކަމެކެވެ.

އެހެން ކަމުން އަދިތީގެ އުމުރުން ދެތިން އަހަރުން ފެށިގެން ލިބޭ ކޮންމެ ސްކޫލު ޗުއްޓީއެއްގައި އެއާއިލާއިން ކޮންމެވެސް ގައުމަކަށް ދަތުރު ކުރެ އެވެ. އެއިން ކޮންމެ ދަތުރަކަށް ގާތްގަނޑަކަށް 21 ކްރޯޑް އިންޑިއާ ރުޕީސް ހަރަދުވާ ކަމަށް އެއާއިލާއާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

އަދިތީ މިހާތަނަށް ޔޫރަޕްގެ ގިނަ ގައުމަކަށް ގޮސްފައިވާއިރު އޭގެ ތެރޭގައި ނޯވޭ، ނެދަލޭންޑްސް، މޮނާކޯ އަދި ޖާމަނީ ހިމެނެ އެވެ. އޭގެ އިތުރުން އޭޝިއާގެ ތައިލެންޑާއި ނޭޕާލް ފަދަ ގައުމުތަކަށް ވެސް އެއާއިލާއިން ދަތުރު ކޮށްފައިވެ އެވެ.

އަދިތީގެ ބައްޕަ، ދީޕަކް ޓްރިޕާތީ ބުނީ ދަތުރުތަކުގެ ސަބަބުން އޭނާގެ ދަރިފުޅު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށާއި ކުއްޖާގެ މިޒާޖަށް ވެސް އެދެވޭ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

"ބައެއް ފަހަރު ސްކޫލުން ނިމޭގޮތަށް އެއާޕޯޓަށް ނުވަތަ އެއާޕޯޓުން ސީދާ ސްކޫލަށް ވެސް އޭނާ ދޭ. އެކަމަށް އޭނާ ހުންނަނީ ތައްޔާރަށް" ދީޕަކް ބުންޏެވެ.

ދީޕަކް ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެ އާއިލާއިން އިތުރު ގައުމުތަކަށް ދާން ގަސްދު ކުރާ ކަމަށާއި އުއްމީދަކީ އަދިތީ އަމިއްލަ ފައިމައްޗަށް ތެދުވާއިރު ދުނިޔޭގެ ގިނަ ގައުމުތަކަށް ދަތުރު ކުރެވިފައި އޮތުން ކަމަށެވެ.