މިއަހަރުގެ އެންމެ ބޮޑު ކައިވެންޏަކަށް ވެގެންދާނީ ވަރުން ދަވަން އާއި ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެނި ކަމާމެދު ޝައްކެއް ނެތެވެ.

ރިޕޯޓުތައް ބުނާގޮތުން އެތައް ބަޔަކު އިންތިޒާރުގައި ތިބި މި ކައިވެނި ކުރާނީ މިމަހުގެ 24 ވަނަ ދުވަހު އަލިބާގްގަ އެވެ. އަދި ކައިވެންޏަށް ދައުވަތު ދޭން ނިންމާފައި ވަނީ 40-50 މީހުންނަށެވެ.

ހަބަރު ލިބޭ ގޮތުގައި ވަރުންގެ އާއިލާއިން ވަނީ އަލިބާގްގައި މޫދު ފެންނަ ހިސާބުގައި އޮންނަ ބޮޑު ރިސޯޓެއް އެއްކޮށް ބުކްކޮށްފަ އެވެ. މި ކައިވެނީގެ ހަފްލާތައް ތިން ދުވަހަށް ދެމިގެންދާނެ އެވެ. އެ ދުވަސްތަކަކީ ޖެނުއަރީ 22،23، އަދި 24 އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު މި ކައިވެނި ހަފްލާގައި ބައިވެރިވާނީ އާއިލާ މީހުންނާއި ވަރަށް ގާތް ރަހުމަތްތެރިން އެކަންޏެވެ. އެ އެންމެން ވެސް ތިބޭނީ ކައިވެނީގެ ހަފްލާތައް ނިމެންދެން އެ ރިސޯޓްގަ އެވެ.

އޭގެ ފަހުން ޖެނުއަރީ މަހު ފަހުކޮޅު މުޅި ބޮލީވުޑް އަށް ހާއްސަކޮށް ރިސެޕްޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.