އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުން ފާސްކޮށްފި އެވެ.
ރިޔާސީ އިންތިހާބަށް ދެ މަހަށްވެފައިވަނިކޮށް ފުއާދުގެ އިތުބާރު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާސްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އޮތް ކޮމިޝަންގެ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ފުވާދުގެ އިތުބާރު ނެތް ކަމަށް ތިން މެންބަރުން ވަނީ ވޯޓު ދީފަ އެވެ. އިލެކްޝަންސް ކޮމިޝަނުގައި ތިއްބަވަނީ ފަސް މެންބަރުންނެވެ.
މިބައްދަލުވުމުގެ ނިންމުންތަކާ ގުޅޭ ގޮތުން އެކޮމިޝަންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން ފުއާދު، ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކަންތައްތައް ކުރައްވާ ގޮތުން އޭނާއަށް އިތުބާރު ނުކުރައްވާ ކަމާއި ރައީސް ކަމުގެ މަގާމުގައި ހުންނަވަނީ ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތި ކަމަށް ކޮމިޝަންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ފުވާދުގެ އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް އޭނާގެ މެންބަރުން ކަމުން ވަކިއެއް ނުވާނެ އެވެ. ކޮމިޝަނުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮންނަނީ ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުން" ނުވަތަ "ރައީސާއި ނައިބު ރައީސް އާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ފުވާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައި ފާސްކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށްދޭން ފުވާދު ނުފޫޒު ބޭނުން ކުރެއްވި ކަމަށް ބުނެ ކޮމިޝަނުގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރައްފައި ވާ ދަނޑިވަޅެއްގަ އެވެ.
އަދި އެ ކޮމިޝަނުގެ މެންބަރު އަލީ ނަޝާތުގެ ދައުރު މާދަމާ އަށް ހަމަވާއިރު އެ މަގާމަށް ހަމަ އޭނާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަމަވެސް އެ މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ އެކަމަށް ގޮތެއް ނުނިންމަ އެވެ.