ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށާއި، ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 17 ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

މި އިނާމުތައް ދެއްވީ، މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ހަނދާނީ ފިލައެކެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.

މިއަދު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 4 ބޭފުޅުންނާއި، ކުންފުންޏަކީ:

  • އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: އައްޝައިޚް އަހުމަދު ފަހުމީ ދީދީ، ގ. ސިނަމާލެ 1 13-01
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ރަޝީދާ އިބްރާހީމް، އާރު، ގދ. ތިނަދޫ
  • ފަތުރުވެރިކަމުގެ ދާއިރާއިން: ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ދަތުރުފަތުރުގެ ދާއިރާއިން: ކެޕްޓަން އަހުމަދު ޒުބައިރު، މ. މޯނިންވިލެޖް
  • ކުޅިވަރުގެ ދާއިރާއިން: މައިޒާން އަލީ މަނިކު، ހ. އިސްދޫ

މިއަދުގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 17 ބޭފުޅުންނާއި، ޖަމިއްޔާއަކީ:

  • ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ގުރްއާނުގެ އިލްމު އުނގެނުމާއި، އުނގަންނައިދިނުމުގެ ރޮނގުން: އަލްގާރީ އިބްރާހީމް ރަމްޒީ، ހިޔާ، ށ. ފުނަދޫ
  • އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ އިސްލާމްދީން އުނގަންނައިދިނުމުގެ ރޮނގުން: އައްޝައިޚް ޙަސަން ލަތީފް މޫސާ، ހިކަނދިގަސްދޮށުގެ، ސ. ހިތަދޫ
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން: އަލީ އަމީރު، ލަކީސްޓާ، ދ. ބަނޑިދޫ
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން: ފާރޫގު އަހުމަދު ކްރެޝެންޓްވިލާ، ހދ. ފިނޭ
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހާއި ބަހުގެ އިލްމު ކުރިއެރުވުމާއި، ބަސް ދިރާސާކުރުމުގެ ރޮނގުން: ލިޔުންތެރިންގެ ގުޅުން
  • ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން، އިހުގެ ފަންނުތައް ދިރުވައި، އާލާކުރުމުގެ ރޮނގުން. އަބްދުއްސަމަދު އަލީ، ނިކަގަސްދޮށުގެ، މ. ވޭވަށް
  • ތައުލީމީ ދާއިރާއިން، ތައުލީމު އުނގަންނައިދިނުމުގެ ރޮނގުން: މުޙައްމަދު ވަޖީހު، ޕޭންޓްލޭންޑް، ބ. އޭދަފުށި
  • މަސްވެރިކަމުގެ ދާއިރާއިން، ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން: އިބްރާހީމް ރަޝީދު، ގުރަހަ، ހއ. އިހަވަންދޫ
  • ފަތުރުވެރިކަމުގެ ދާއިރާއިން؛ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި، ދިވެހީން ޝައުގުވެރިކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން: ހަސަން ސައީދު، މާދަޑު. އެއްގަމިގެ، ޏ. ފުވައްމުލައް
  • އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން؛ ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާގެ ފުރުޞަތުތައް ގާއިމުކޮށްދީ، ފަރުދުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ރޮނގުން. ޝިޔާމާ އަހުމަދު, މ. ކަރޭޖް
  • އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން؛ މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ޒުވާނުންގެ ތަރައްގީއަށާއި، ޒުވާނުން ބިނާކުރުމަށާއި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރުމުގެ ރޮނގުން: ކެޑޭޓް މޭޖަ ޔާސިރު މުހައްމަދު، މައިދާން، ޅ. ނައިފަރު
  • ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ މައުލޫމާތު ފެތުރުމުގެ ރޮނގުން: ޝިފްޒާ މުސްތަފާ، މާދަޑު، އާސާން، ޏ. ފުވައްމުލައް
  • ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމުގެ ރޮނގުން: އަހުމަދު މުހުސިން، ގުލްފާމްގެ، ހދ. ނައިވާދޫ
  • ކުޅިވަރުގެ ދާއިރާއިން، މީހުން ތަމްރީނު ކުރުމުގެ ރޮނގުން: އަހުމަދު ސަލީމް، މ. ކުނޑި
  • ކަލިނަރީ އާޓްސްގެ ދާއިރާއިން؛ އާމިނަތު ޝާނީ، މ. ތަރިވިދާގެ
  • ވިޝުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން) ރޮނގުން. އަހުމަދު އަޒުމީ ހަލީމް، މ. ހަރްމަލްގެ
  • ޕާފޯމިން އާޓްސްގެ ދާއިރާއިން؛ ރޭޑިއޯ ޑްރާމާކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން: މުހައްމަދު ނިހާން ނަސީރު، ހ. ސޯފިޔާ
  • ޒުވާނުންގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: ސާޖަންޓް އަބްދުﷲ ޝަހުނީޒް، އޯކިޑުމާގެ، ނ. ޅޮހި

މި ޖަލްސާގައި ރައީސް ވަނީ މިއަދު އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފަ އެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.