ގދ. ރަތަފަންދު އާއި ރ. ފައިނު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ އެވެ.
އެ ދެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނީ ރަތަފަންދު އާއި ފައިނުގެ ކައުންސިލް ދެ މެމްބަރަކު ދަ ޑިމޮކްރެޓްސްއަށް ސޮއިކުރުމުންނެވެ. އެމްޑީޕީގައި އިސްކޮށް އުޅުއްވި ބޭފުޅުން އެ ޕާޓީން ވަކިވެގެން އުފެއްދި ޑިމޮކްރެޓްސްއަށް މެންބަރުން އިތުރު ކުރުމަށް މުޅި ރާއްޖޭގައި ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.
ގދ. ރަތަފަންދޫ ކައުންސިލްގެ ނައިބު ރައީސް އަމާނީ މުއީން ވަނީ މިއަދު އެމްޑީޕީއަށް ސޮއިކޮށްފަ އެވެ. އަދި އޭނާގެ ޑިމޮކްރެޓްސްގެ މެމްބާޝިޕް ފޯމް ވަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރަށް ހަވާލުކޮށްފަ އެވެ.
ރ. ފައިނު ކައުންސިލް މެމްބަރު ހަސަން ވަހީދު ވަނީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އަށް ސޮއިކޮށްފަ އެވެ. އޭނާގެ ފޯމު އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފްއާ ވަނީ ހަވާލްކޮށްފަ އެވެ.
ހަސަން ލަތީފް ވިދާޅުވީ ފައިނު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލި ޑިމޮކްރެޓްސްގެ މަސައްކަތްތައް ފުޅާކުރުމަށް ބޮޑު ފުރުސަތެއް ލިބިއްޖެ ކަމަށެވެ. އަދި ދެ ކައުންސިލްގެ މެމްބަރުންނަށް މަރުހަބާ ކިޔާ ކަމަށް ހަސަން ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އިން ވަނީ ކުރިއަށް އޮތް ރިޔާސި އިންތިހާބުގައި ވަދަކުރުމަށް ނިންމައިފަ އެވެ. އަދި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓް ކަމަށް ހުޅުވާލި ފުރުސަތުގައި ޕްރައިމަރީއަށް ކުރިމަތިލަފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަންޏެވެ.
ޑިމޮކްރެޓްސް މިހާރު ގެންދަނީ އެ ޕާޓީގެ ސިޔާސަތުތައް އިފްތިތާހު ކުރުމަށާއި ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ރާއްޖޭގެ ރަށްތަކަށް ދަތުރު ކުރަމުންނެވެ.