މަސްވެރިކަމާއި ދަނޑުވެރިކަމާ އަދި އިގްތިސޯދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްތައް 21 އަހަރަށް ކުއްޔަށް ދޫކުރެވޭ ގޮތަށް ގަވާއިދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންއިން އެކުލަވާލައިފި އެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވައިދު މިހާރު ވަނީ އެކުލަވާލާފަ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި މި ގަވައިދުގެ ދަށުން ވިޔަފާރި ބޭނުމަށް އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް ފަޅުރަށްތައް ދޫކުރެވޭނީ 21 އަހަރަށެވެ. އެހެން ނަމަވެސް އެމުއްދަތު އިތުރުކުރަން ހުށަހަޅައިފި ނަމަ ވަކި ޝަރުތުތަކަކާއެކު ކުއްޔަށް ދީފައިވާ މުއްދަތު 50 އަހަރަށް އިތުރު ކުރެވޭނެ އެވެ. އަދި އެޝަރުތުތައް ފުރިހަމަ ވާނަމަ ސަބްލީސްކުރުމާއި ރަށުގެ ލީސް ރަހުނުކުރެވެ އެވެ.
އެގޮތުން ބައެއް ޝަރުތުތަކަކީ އެރަށުގައި ކުރާ މަސައްކަތްތައް އެއްބަސްވެފައިވާ ޝެޑިއުލާ އެއްގޮތަށް ކުރުމާއި މަސައްކަތުގެ މަދުވެގެން 75 އިންސައްތަ ފުރިހަމަ ކޮށްފައިވުން ހިމެނެ އެވެ.
އެހެން ނަމަވެސް މިގަވައިދު ހިނގާނީ ވަރުވާއަށް ދީފައިވާ ފަޅުރަށްތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅުރަށްތަކާއި އިގްތިސާދީ އަދި އިންޑަސްޓްރިއަލް ބޭނުމަށް ދޫކުރާ ފަޅުރަށްތަކާއި ފަތުރުވެރިކަމާބެހޭ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅުރަށްތަކަށެވެ.
އަދި މިގަވައިދުގެ ދަށުން ދޫކުރާ ރަށްތަކުގެ ތެރެއިން ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ރަށްތަކުގެ ތެރެއިން ދޫކުރެވޭ ފަޅު ރަށްރަށް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމަށް އެގާނޫނުގައި ބުނެފައިވެ އެވެ. ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށްތައް ކުއްޔަށް ދޫކުރަނީ އެ ރަށެއްގެ ކައުންސިލުންނެވެ.