ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ނައިޓް ކްލަބެއްގައި ރޭ ފަތިހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 27 މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ބެންކޮކްގެ އުތުރު ސަރަހައްދުގައި ހުންނަ "ނާ ލަޑްޕްރާއޯ" ނައިޓް ކްލަބުގަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިމާރާތުގެ ކުރިމަތީ ދޮރުން ބޯ ދުންތަކާއެކު ބޮޑު އަލިފާންގަނޑެއް ދިޔައީ އަރަމުންނެވެ. އަދި އެ ވަގުތު އެތަނުގައި ތިބި މީހުން ފުރާނަ ސަލާމަތްކުރުމަށް ދުވާ މަންޒަރު ވެސް ފެނެ އެވެ. ރެސްކިއު ޓީމުތަކުން ބުނާ ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ފަތިހު އެވެ.

ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް ވިދާޅުވީ، މިހާތަނަށް 27 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮޑުވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، އެ ވަގުތު އެތަނުގައި ލަވަކިޔަން ހުރި މިއުޒީޝަނަކު މައުލޫމާތު ދިން ގޮތުގައި، ކަރަންޓު ކެނޑުމުގެ ކުރިން ސްޓޭޖް ކައިރީގައި ހުރި ސާކިއުޓް ބްރޭކަރަކުން ދުން އަރަނިކޮށް އޭނާއަށް ފެނުނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ގޮވުމެއްގެ އަޑު އިވި، މުޅި ތަނަށް ބޯ ދުން ފެތުރިގެން ދިޔައީ އެވެ. މަރުވި މީހުންގެ ތެރެއިން ގިނަ ބަޔަކު ފެނިފައި ވަނީ ކްލަބުގެ ފަހަތުގައި ހުރި ފާހާނާތަކުގެ ތެރެއިންނެވެ.

ބެންކޮކްގެ ގަވަރުނަރު ޗާޑްޗާޓް ސިއްތިޕުންޓް ވިދާޅުވި ގޮތުގައި، 63 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 22 މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ. ގިނަ މީހުންގެ އަތުގައި އައިޑީ ކާޑު ނެތުމާއި، ބައެއް މީހުން ހޭނެތިފައި ތިބުމުގެ ސަބަބުން އެއީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

އަލިފާން ނިއްވާ މީހުންނަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް ބައިގަޑިއިރުގެ މަސައްކަތުންނެވެ. ހާދިސާއަށްފަހު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މުޅި ތަން ވަނީ އަނދައި އަޅިއަށް ވެފަ އެވެ. އަދި ގެއްލިފައިވާ މީހުންނާއި އަނިޔާވި މީހުންގެ މައުލޫމާތު އާއިލާތަކަށް ފޯރުކޮށްދިނުމަށްޓަކައި އެ ސަރަހައްދުގައި މިހާރު ވަނީ ހާއްސަ މަރުކަޒެއް ގާއިމުކޮށްފަ އެވެ.

އެ ވަގުތު ކައިރި ތަނެއްގައި ޝޯއެއް ދެމުންދިޔަ ލަވަކިޔުންތެރިއެއް ކަމަށްވާ ސުކަންޔާ ވޮންގްވޮންގްވާއީ ބުނި ގޮތުގައި، އޭނާގެ ބޭންޑުގެ ބައެއް މީހުން އެ ކްލަބުގައި ހުށަހަޅައިދެމުން ދިޔުމުން އޭނާ ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ބޭންޑުގެ އެކަކު ވަނީ މަރުވެފަ އެވެ. އަދި ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އެކަކު އަދިވެސް ނުފެނެ އެވެ.

"އެތެރޭގައި ތިބި މީހުން ބުނި ގޮތުގައި، އަލިފާން ރޯވުމާއެކު މުޅި ތަން އަނދިރިވީ. ކަރަންޓު ކެނޑި، ދުންގަނޑު ބޮޑުވުމުން އެކަކަށް އަނެކަކު ފެންނަވަރެއް ނުވި،" ސުކަންޔާ ބުންޏެވެ.

ތައިލެންޑުގައި މީގެ ކުރިން ވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ. އެގޮތުން 2022 ވަނަ އަހަރު އެ ގައުމުގެ އިރުމަތީ ސަރަހައްދެއްގެ ކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 މީހުން މަރުވި އެވެ. އަދި 2009 ވަނަ އަހަރުގެ އާ އަހަރު ފާހަގަކުރުމުގެ ތެރޭގައި ބެންކޮކްގެ "ސަންތިކާ" ނައިޓް ކްލަބުގައި ހިނގި އަލިފާނުގެ ހާދިސާގައި 66 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ އޭރު އެތެރޭގައި ބޭނުންކުރި ގޮވާ އެއްޗެއްގެ ސަބަބުންނެވެ.