ތަރައްގީގެ މަގުގައި ރާއްޖެއަށް މިއަދު އާދެވިފައިވާ ހިސާބަށް އާދެވުނީ، ދައުލަތަށް ދިގުމުއްދަތެއްގައި ހިދުމަތްކުރެއްވި ހިދުމަތްތެރިންގެ ގުރުބާނީއާއި ދައުލަތް ހިންގުމުގައި އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުގެ ސަބަބުންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ގޮތުން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުން، އެ ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އެގޮތުން އެ ބޭފުޅުންނަކީ އެ ބޭފުޅުންގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު ވަރަށް ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަދި އެބޭފުޅުންނަކީ، ރާއްޖޭގެ ގައުމީ ތަރައްގީގެ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅުންކަން ފާހަގަކުރައްވައި އެ ބޭފުޅުންގެ ހިދުމަތުން މިއަދުގެ ޒުވާން މުވައްޒަފުން، ނަމޫނާ ލިބިގަންނަންޖެހޭ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ ދައުލަތަށް ހިދުމަތް ކުރުމަކީ އުފަލަކަށް ހެދުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ.

ދިވެހި ދައުލަތައް ހިދުމަތްކުރުމުގެ އިނާމު ލިބުނު ބޭފުޅަކަށް ރައީސް ސޯލިހު އިނާމް ހަވާލުކޮށްދެއްވަނީ.. ފޮޓޯ: ރައީސް އޮފީސް

ގައުމަށް ހިދުމަތްކުރުމަށް ދިވެހި ޒުވާނުންނަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިއަދު ސަރުކާރުގެ ވަޒީފާތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބިކަން ފާހަގަކުރައްވައި އެ މުވައްޒަފުންގެ ގައުމީ ވާޖިބުތަކާއި ޒިންމާތަކަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ވަޒީފާގައި އެ ޒުވާނުން ހަވާލުވެ އެ ތިއްބަވަނީ ގައުމީ ތަރައްގީގެ މުހިންމު ޒިންމާތަކަކާއި މަތިވެރި ގައުމީ ވާޖިބުތަކެއް އަދާކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ ދައުލަތުގެ ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުން، އަދި ވަކިން ހާއްސަކޮށް ދިވެހި ޒުވާނުން ގައުމީ ވާޖިބުތައް އަދާކުރެއްވުމުގައި، އިހްލާސްތެރިކަމާއެކު، ވަފާތެރިކަންމަތީ ދެމިތިއްބެވުމަށް އިލްތިމާސްކުރައްވާފަ އެވެ.

ދިވެހި ދައުލަތައް ހިދުމަތްކުރުމުގެ އިނާމު ލިބުނު ބޭފުޅަކަށް ރައީސް ސޯލިހު އިނާމް ހަވާލުކޮށްދެއްވަނީ.. ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ ބޭފުޅުންނަށް، ސަރުކާރުގެ ފަރާތުން އިނާމު ދޭން ފެށީ، 2021 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، 309 ބޭފުޅަކަށް މި އިނާމު އަރުވާފައިވެ އެވެ. އަދި މިއަދު ބޭއްވި ޖަލްސާގައި، 148 ބޭފުޅަކަށް އިނާމު އަރުވާފައިވާއިރު މިހާތަނަށް މުޅި ޖުމްލަ 457 ބޭފުޅަކަށް މި އިނާމު އަރުވާފައިވެ އެވެ.