އަންނަ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ- ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވަލި ފުރުސަތުގައި 12،000 އެއްހާ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރީ ރަޖިސްޓްރޭޝަންއަށް ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުންނާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ފަހެއްގެ ނިޔަލަށެވެ.
މީގެ ކުރީގެ އިންތިހާބުތަކުގައި މާލޭގައި ވޯޓުލުމަށް ރީ- ރަޖިސްޓަރީވެފައިވާ މީހުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރީ- ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން އިއްޔެގެ ނިޔަލަށް ޖުމްލަ 11،933 ފޯމު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ހުށަހެޅި 8،624 ފޯމާއި ކަރުދާސް ފޯމުގެ ގޮތުގައި ހުށަހެޅުނު 3،309 ފޯމު ހިމެނޭ ކަމަށް ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ ރީ-ރަޖިސްޓްރީވެފައިވާ މީހުންގެގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ހާމަކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކާ ވެސް ހިއްސާކުރަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން ހަބީބު ވިދާޅުވީ ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާރު ޔަގީންކުރެވިފައި ވަނީ ހަމަ އެކަނި މެލޭޝިޔާ އާއި އިނގިރޭސި ވިލާތުގައި އެކަނިކަމަށެވެ. އަދި އެހެން ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓޭ ވަރަށް އަދި ވޯޓުލާ މީހުން ރަޖިސްޓަރީ ވެފައިނުވާ ކަމަށް ހަބީބް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް އަދި (VR space ID.No Send to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކް ކުރެވޭނެ އެވެ.
އީސީން ބުނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 18 ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި ފައިނަލް ލިސްޓު އާންމު ކުރަން ވަނީ ނިންމައިފަ އެވެ.