މިއަހަރުގެ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ- ރަޖިސްޓަރީ ކުރުމުގެ މުއްދަތު އިތުރު ދެ ދުވަހަށް އިތުރުކޮށްފި އެވެ.

ރީ ރަޖިސްޓްރޭޝަންއަށް ހުޅުވާލާފައިވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުންނާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ޖުލައި މަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންނަމަވެސް މިއަދު ކޮމިޝަނުން ވަނީ އެމުއްދަތު އިތުރުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި، ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ދީފައިވާ، އޮންލައިން ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު އޮގަސްޓު 2 ވާ ބުދަދުވަހުގެ ނިޔަލަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރީގެ އިންތިހާބުތަކުގައި މާލޭގައި ވޯޓުލުމަށް ރީ- ރަޖިސްޓަރީވެފައިވާ މީހުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.

އީސީން ބުނީ އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށްޓަކައި ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެކަމަށެވެ.

މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ އަދި ފުވައްމުލަކުގެ އަވަށްތަކުގެ އޮފީސްތަކަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް އީސީން ބުންޏެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް އަދި (VR space ID.No Send to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކް ކުރެވޭނެ އެވެ.

ރީ- ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި 12،000 އެއްހާ ފޯމު ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ބުނެ އެވެ.