ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

މި ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ އިސް ވެރިން ވަޑައިގެންނެ އެވެ.

އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށް ބޭއްްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ކުރިން ކެންޑިޑޭސީއާ މެދު ގޮތެއް ނިންމައި 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ޖަވާބު ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަދު ހަވީރު ހައެއް ޖެހުމުގެ ކުރިން ގޮތެއް ނިންމާނަން. އަޅުގަނޑުމެން ގޮތެއް ނިންމާނީ ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު،" އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެމްބަރުން ބައިވެރިވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ޔާމީން ކަނޑައަޅާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީ ސެނެޓްގެ އިއްތިފާގުންނެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ބޭއްވި ހާއްސަ ޖަލްސާއެއްގައި ޔާމީނަށް ވަނީ ޓިކެޓް ހަވާލުކޮށްފަ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހެނދުނު ހުށަހަޅަނީ. ފޮޓޯ: ޕީޕީއެމް

ޔާމީން މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށްޓަކައި ޖަލުގަ އެވެ. އެހެންވެ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ހައިކޯޓުގައި އޮތް އެ މަނިކުފާނުގެ މައްސަލަ ނުނިމި ދިގުލައިގެން ދަނީ މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުންނެވެ.