އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކަށްވެސް ގިނަ ވެގެން ހަރަދުކުރެވޭނީ 564 މިލިއަން ރުފިޔާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރިޔާސީ ކެންޑިޑޭޓުން އިންތިހާބަށް ހަރަދުކުރަން ވާނީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2000 ރުފިޔާގެ މަގުން ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު 282،395 މީހުންނަށް ލިބިފައިވާއިރު ކޮންމެ ކެންޑިޑޭޓަކަށް ވެސް ރިޔާސީ އިންތިހާބާއި ގުޅިގެން އެންމެ ގިނަވެގެން ހަރަދުކުރެވޭނީ ފަސް ސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން، ހަތްލައްކަ ނުވަދިހަ ހާސް ރުފިޔާ ކަމަށް ހަބީބު ވިދާޅުވި އެވެ.

"ރިޔާސީ އިންތިޚާބު 2023 އަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 282,395 ކަމަށްވާއިރު، ކޮންމެ ކެންޑިޑޭޓަކަށް ވެސް ރިޔާސީ އިންތިޚާބާ ގުޅިގެން ޚަރަދުކުރެވޭނެ އެންމެ މަތީ އަދަދަކީ 564,790,000 (ފައްސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން ހަތްލައްކަ ނުވަދިހަ ހާސް) ރުފިޔާ،" އޭނާ ވިދާޅުވި އެވެ.

އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގައިވާ ގޮތުން ރިޔާސީ އިންތިހާބާ ގުޅިގެން ހަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ކެންޑިޑޭޓަކަށް ވެސް ފައިސާ ނުވަތަ ތަކެތި ހޯދިދާނެ އެވެ.

ގާނޫނުގައިވާ ގޮތުން މި ފައިސާ ލިބުނު ފަރާތާއި، ލިބުނު ގޮތާއި، ލިބުނު އަދަދުގެ ރެކޯޑުތައް އެ ކެނޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް ބަލަހައްޓަން ވާނެ ކަމަށާއި، ކެންޑިޑޭޓަކު ހަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި އެއްވެސް ފަރާތަކުން ދޭ ފައިސާއެއް ނުވަތަ އެއްޗެއް ދިން ފަރާތް ސިއްރު ކޮށްގެން ނުވަތަ އޮޅުވާލައިގެން ނުވާނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނާގޮތުން ރިޔާސީ އިންތިހާބާއި ގުޅިގެން ބައެއް ފަރާތްތަކުން ދޭ ފައިސާއާއި އެހީއާއި ތަކެތި ބަލައިގަތުމަކީ މަނާކަމެވެ.

ގާނޫނުގައި އޮންނަ ގޮތުން ރިޔާސީ އިންތިހާބު ނިމުމުން، އިންތިޚާބަށް ކުރި ހަރަދުތަކުގެ ތަފްސީލާއި، އެ ފައިސާ ލިބުނުގެ ގޮތުގެ ތަފްސީލްތަކުގެ މާލީ ބަޔާންތައް، ގާނޫނާއި އެއްގޮތަށް އޮޑިޓްކުރުމަށްފަހު ކެނޑިޑޭޓުން ހުށަހަޅުއްވަން ޖެހޭނެ އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ރާއްޖޭގެ ބޮޑެތި ހުރިހާ ސިޔާސީ ޕާޓީތަކަކުންނާއި ކުޑަ ބައެއް ޕާޓީތަކާއި، އަމިއްލަ ބައެއް ފަރާތްތަކުން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް މިހާތަނަށް އިލެކްޝަންސްއަށް ހުށަހެޅުއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް އެކަންޏެވެ. ރައީސް ޔާމީން ފޯމް ހުށަހެޅުއްވި ނަމަވެސް، އެ މަނިކުފާނުގެ ކެންޑިޑަސީ ގަބޫލު ނުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ އެހެން ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓުން ޔަގީންވި ނަމަވެސް، ރަނިން މޭޓުން އިއުލާން ކޮށްފައެއް ނުވެ އެވެ. ގާނޫނުގައިވާ ގޮތުން ރިޔާސީ އިންތިޚާބަށް ފޯމް ހުށަހެޅޭނީ ރަނިންމޭޓްގެ ނަމާއެކު އެވެ.