އުނގެނުމަށް ވަކި އުމުރެއް ނޯވެ އެވެ. މިއީ އަހަރުމެން އެންމެ ކުޑައިރު ވެސް އިވެމުން އަންނަ ވާހަކަ އެކެވެ. ތައުލީމަކީ ވަކި އުމުރަކަށް ވަކި ޖިންސަކަށް އޮންނަ ކަމެއް ނޫނެވެ.

ސައޫދީ އަރަބިއާއަށް ނިސްބަތްވާ އަންހެނަކު މިވަނީ އެކަން އަނެއްކާ ވެސް ސާބިތު ކޮށްދީފަ އެވެ. އުމުރުން 110 އަހަރުގައި އަލަށް ލިޔަން ކިޔަން ދަސްކޮށްގެން އޭނާ ވަނީ އޭނާ ފަދަ އެހެން މީހުންނަށް މިސާލު ދައްކައިދީފަ އެވެ.

ސައޫދީ އަރަބިއާގެ ސަރުކާރުން އެ ގައުމުގެ ލިޔަން ކިޔަން ނުދަންނަ މީހުން މަދު ކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ނައުދާ އަލް ގަހްތާނީ ފަދަ އެތައް ބަޔަކަށް ލިޔަން ކިޔަން ދަސްކުރުމުގެ ފުރުސަތު ލިބިފައިވެ އެވެ.

އެގައުމުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ހިއްސާކުރި ވީޑިއޯއެއްގައި ނައުދާ ބުނީ މިހާރު އޭނާއަށް ކީރިތި ގުރުއާން ކިޔަވަން އެނގޭ ކަމަށާއި އެކަމަށްޓަކައި ސައޫދީގެ ސަރުކާރަށް ޝުކުރުވެރިވާ ކަމަށެވެ.

ސައޫދީ ސަރުކާރުގެ ސިޔާސަތުގެ ދަށުން އެގައުމުގައި ތިބި ލިޔަން ކިޔަން ނޭނގޭ މީހުންނަށް އުނގެނުމުގެ ފުރުސަތު ދެމުން ދާއިރު މި ފުރުސަތުގެ ބޭނުންކޮށް ގިނަ ބަޔަކު އަންނަނީ އުނގެނެމުންނެވެ.