ކުރިއަށް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަށް ކުރިމަތިނުލެވޭ ހާލަތެއްގައި ޕީޕީއެމްގެ ޕްލޭން ބީ އަކީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކަމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕީޕީއެމްގެ ޕްލޭން ބީއެއް ވުޖޫދުކޮށް ޕީއެންސީއިން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމަށް ނިންމައިފި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ. އެކަމުގެ މައުލޫމާތު ހޯއްދެވުމަށްފަހު ނޫން ގޮތަކަށް ނޫސްތަކުގައި ނުލިޔުއްވުމަށް ގޮވާލާ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމްއިން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އެންޑޯޒްކުރަން ނިންމައި ޕީޕީއެމްގެ ޕްލޭން ބީއެއްގެ ގޮތުގައި ވުޖޫދުކޮށްފައި ނުވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ. އަދި ޕީޕީއެމުން ޕްލޭން ބީ ނުވަތަ ސީ އަކާމެދު ވިސްނާނީ، ރައީސް ޔާމީން ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވުމުން އެކަނި ކަމަށާއި ރާއްޖޭގައި މިވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ވެސް ޕީޕީއެމް އިން ބުނެ އެވެ.
ބެކްއަޕް ޕްލޭނަކަށް ޕީއެންސީގެ ކެންޑިޑޭޓެއް ނެރެން ނިންމާފައިވީ ނަމަވެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ވާދަކުރެވޭގޮތް ވެއްޖެ ނަމަ ޕީއެންސީގެ ކެންޑިޑޭޓުގެ ފޯމު ނަގާނެ ކަމަށެވެ.
ޑރ. މުއިއްޒުއަކީ ބެކްއަޕް ޕްލޭނެއް ކަމަށް ވިދާޅުވި ނަމަވެސް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނިންމާފައި ވަނީ ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ޕްލޭން "ބީ" އަކީ ޕީޕީއެމް ކެންޑިޑޭޓެއް ނެރުން ކަމަށެވެ. ޕީޕީއެމް އިން އެހެން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މުއީޒު ވެސް އަޅުގަންޑުމެން ހީކުރިގޮތާ ހިލާފު ކޮއް މީހަކު ވެސް އުޅެނީ އަމިއްލަ އެދުމައް ވަރައް މަދު މީހަކު ނޫނީ އުޅެނީ އަމިއްލަ އެދުމައް