އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ކެންޑިޑެސީ ބަލައިގެންފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރައީސް ސޯލިހާއި ނާޒިމުގެ ކެންޑިޑެސީ ފޯމުގައިވާ މައުލޫމާތާއި ތަކެތި، ކޮމިޝަނުން ބަލައި ޗެކްކުރިއިރު ގާނޫނުގައިވާ ގޮތުގެ މަތީން އެ ދެ ބޭފުޅުންވެސް ޝަރުތު ހަމަވާ ބޭފުޅުން ކަމުގައި ބަލައި، ހުށަހެޅުއްވި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.
ރައީސް ސޯލިހާއި ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސް ކެންޑިޑޭޓް އިލްޔާސް ލަބީބު ވެސް ވަނީ އިއްޔެ ވަނީ ފޯމް ހުށައަޅުއްވާފަ އެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އިލްޔާސް ލަބީބުގެ ފޯމުގައި މައްސަލަތަކެއް ހުރުމުން ފާސްނުކޮށް އިލެކްޝަންސް ކޮމިޝަނުން ފާސްނުކޮށް ވަނީ މަޑު ޖައްސާލާފަ އެވެ.
ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާއިރު އެމަނިކުފާނުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެވެ. ނާޒިމުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ޑރ. އަހްމަދު އަދީލް ނަސީރު އެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.
މިތިން ބޭފުޅުންގެ އިތުރުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް ޔާމީން ވެސް މިމަހުގެ އެއްވަނަ ދުވަހު ކެންޑިޑެސީ ފޯމު ހުށަހެޅުއްވި އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ހަމަ އެ ދުވަހު ވަނީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފަ އެވެ.
ކޮމިޝަންގެ ނިންމުން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައި ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ނިންމާފަ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މިއަދުގެ 2:00 ގެ ނިޔަލަށެވެ. މިއަދު ފޯމު ހުށަހެޅުއްވި ބޭފުޅުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި އެމްއާރްއެމްގެ ފާރިސް މައުމޫނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފޯމު އަދި ކޮމިޝަނަށް ވައްދާފައެއް ނުވެ އެވެ.
ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ ޓިކެޓް ދީފައިވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ފޯމް ހުށަހަޅާފައެއް ނުވެ އެވެ.