އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ކުރިމަތިނުލެވޭ ހާލަތެއްގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް ރައީސް ޔާމީން ނިންމަވައިފި އެވެ.
ރައީސް ޔާމީން ޑރ. މުއިއްޒަށް ތާއިދު ކުރެއްވިކަން ހާމަކޮށްފައި ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގަ އެވެ.
ޑރ. ޖަމީލް ވިދާޅުވީ ޕްރޮގެސިވް ކޮންގްރެސް ކޯލިޝަން އަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސްގެ ސެނެޓާއި އާއްމު މެމްބަރުންނާއި، ލައްކައަކަށް ވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާ އެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއްވުން ކަމަށެވެ.
ރައީސް ޔާމީންގެ ތާއިދު މުއިއްޒަށް އޮތްކަން ހާމަކޮށްފައިވާއިރު އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިއަދު މުއިއްޒު ވަނީ އިލެކްޝަންސްއަށް ފޯމު ހުށަހަޅާފަ އެވެ.
ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒުގެ ކެންޑިޑެސީ ފޯމް ހުށަހެޅީ މުއިއްޒާއި އޭނާގެ ރަނިން މޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް މިއަދު ހެނދުނު 9:30 އެހާއިރު އީސީގެ އިންތިހާބީ މަރުކަޒު ދަރުބާރުގެއަށް ވަޑައިގެންނެވެ.
ފޯމާ ހަވާލުވީ އީސީގެ ރައީސް ފުއާދު ތައުފީގު އެވެ.
ފޯމް ހުށަހަޅަން މުއިއްޒާ އެކު ޕީއެންސީގެ ރައީސް އަބްދު ރަހީމް އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލް ވެސް ވަނީ އީސީއަށް ވަޑައިގެންނެވި އެވެ. އެހެން ނަމަވެސް، ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ އިތުރު ބޭފުޅަކު މުއިއްޒުގެ ފޯމް ހުށަހަޅަން ވަޑައިގެންފައެއް ނުވެ އެވެ.
ޔާމީން މުއިއްޒުއަށް ތާއީދުކުރެއްވި ނަމަވެސް، ޔާމީނަށް ވާދަ ނުކުރެއްވޭނެކަން ސުޕްރީމް ކޯޓުން އިއްޔެ ޔަގީން ވުމުން، ޔާމީން އެންގެވީ ޕީޕީއެމް އިން އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ޔާމީންގެ އެ އެންގުމާ ދެކޮޅަށް އިންތިހާބުގައި ވާދަކުރަން ނިންމުމުން ޔާމީން ވަނީ އެކަމާ ވެސް ދެކޮޅު ހައްދަވައިފަ އެވެ.
އެކަމަށް ހައްލެއް ހޯދުމަށް ރޭ ސެނެޓްގައި ވެސް މަޝްވަރާތަކެއް ކުރި ނަމަވެސް ހައްލެއް ނުލިބި ނިންމީ ބޮއިކޮޓް ކުރުމުގެ ވިސްނުން ބަދަލުކުރުމަށް އިތުރަށް ރައީސް ޔާމީންއާ މަޝްވަރާކުރުމަށެވެ.