އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޑިޕެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ ކެންޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ޒަމީލުގެ ކެންޑިޑެންސީ ފޯމާއި ހަވާލުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެވެ. އޭނާ ފޯމް ހުށަހެޅުއްވީ 1,670 ތާއީދާއެކު އެވެ.

ޒަމީލްގެ ރަނިން މޭޓަކަށް އައްޔަން ކުރައްވާފައިވަނީ އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް އަލީމް އެވެ. އަދި އިންތިހާބީ އޭޖެންޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އޭނާގެ ދަރިކަލުން އަހްމަދު މަހްރާން ޒަމީލް އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވި ޒަމީލު އެންމެ ފަހުން ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގަ އެވެ.

މަރިޔަމް އަލީމް ވަނީ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. މަރިޔަމް އަލީމް އެންމެ ހުންނެވީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިސް މަގާމެއްގަ އެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ވަގުތު މިއަދު މެންދުރު 2:00 އަށް ހަމަވާއިރު، މިހާތަނަށް އަށް ބޭފުޅަކު ވަނީ ވާދަކުރެއްވުމުގެ ފޯމު ހުށަހަޅުއްވައިފަ އެވެ.

އޭގެތެރެއިން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ފަރާތުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ކެންޑިޑެސީ އީސީން ވަނީ ބަލައިގެންފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އަމިއްލަ ގޮތުން ކުރިމަތިލައްވާ އަހުމަދު ފާރިސް މައުމޫން މިއަދު ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީންގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ މިއަދު ހެނދުނު ވަނީ ހުށަހަޅުއްވައިފަ އެވެ.