ދ. ބަނޑިދޫ ފެނަކަ އައު އޮފީސް އިމާރާތާއި، އައުޓްޑޯ ޖިމާއި، ވޮލީކޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފި އެވެ. ރައީސް ސޯލިހު މި ތަންތަން ހުޅުއްވައިދެއްވީ އެމަނިކުފާނު މިހާރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް މިއަދު ހުޅުއްވައިދެއްވި، ދ. ބަނޑިދޫ ފެނަކަ އާ އޮފީސް އިމާރާތަކީ 30 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޖާގަ ތަނަވަސް އިމާރާތެކެވެ. އަދި، މި އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ، ރަށުގެ ބަނދަރު ސަރަހައްދުގަ އެވެ.

ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައި ދެއްވުމުގެ އިތުރުން ދ. ބަނޑިދޫގައި ސަރުކާރުން ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމާއި، ވޮލީކޯޓު ވެސް ރައީސް ސޯލިހު ވަނީ ހުޅުއްވައިދެއްވާފަ އެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފަ އެވެ.