11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ނުކުރައްވާކަން އެނގިއްޖެ އެވެ.
ރީ ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތު މިދިޔަ ހޮނިހިރު ދުވަހަށް ވަނީ ހަމަވެފަ އެވެ. އެހެން ނަމަވެސް ރައީސް ޔާމީން ޖަލުގައި ވޯޓުލެއްވުމަށް ރީރަޖިސްޓްރީ ކުރައްވާފައެއް ނުވެ އެވެ.
ރައީސް ޔާމީން ވޯޓުލައްވަން އޮތީ އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މައްޗަންގޮޅި އުތުރު ދާއިރާގެ 2 ނަންބަރު ވޯޓު ފޮއްޓަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 52 މިލިއަން ރުފިޔާގެ ޖޫރިމަނާއެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލައާ ގުޅިގެން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. އިންތިހާބުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުއްވުމުން އިލެކްޝަންސް ކޮމިޝަނުން އެ ފޯމު ބަލައިނުގަންނަން ނިންމި މައްސަލަ ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
ރައީސް ޔާމީންގެ ކުށުގެ ރެކޯޑު ފޯމުތަކަށް ބެލުމުން އެ މަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ހުކުމެއް އިއްވާފައިވުމުން އީސީން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ނިންމާފަ އެވެ.
ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީ އިން ކެންޑިޑޭޓަކު ނެރުމަށް ރައީސް ޔާމީން ވަނީ އެދިފަ އެވެ. އަދި ޕީއެންސީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވީ މުއިއްޒު އެވެ. ސުޕްރީމް ކޯޓުން ހުކުމްކުރުމާ ހަމައަށް ޕީޕީއެމް އިން ބުނަމުން އައީ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ޔާމީންއަށް ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅުމުން ޔާމީން އެންގެވީ ޕީޕީއެމް އިން އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެހެންނަމަވެސް ޕީޕީއެމް ޕީއެންސީ ސެނެޓުން އެކަން ފާހެއް ނުކުރި އެވެ. އެހެންފަހުން މިއަދު ޑރ. މުއިއްޒު ވަނީ ރިޔާސީ ފޯމު ހުށަހަޅުއްވާފަ އެވެ.