މި ސަރުކާރުގެ ގެދޮރުވެރި ޕްރޮގްރާމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް މާދަމާ އިއުލާން ކުރަން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މާދަމާ އެ ލިސްޓް އާންމުކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވިއިރު 35،861 ފޯމު ވަނީ ހުށަހަޅައިފަ އެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ ޖޫން 26، 2022 ގަ އެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހަޅާފައިވާއިރު 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއް ނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.