ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވާލި މެނިފެސްޓޯ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ އިފްތިތާކޮށް ދެއްވައިފި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ފުރަތަމަ ސިޔާސަތު ކަމަށްވާ ފަސޭހަ ދިރިއުޅުން އިފްތިތާހް ކޮށްދެއްވީ ދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަހުވަދޫގަ އެވެ.

އެ ސިޔާސަތު ބިނާކޮށްފައި ވަނީ ދުޅަހެޔޮ، އުފެއްދުންތެރި އަދި ފުދުންތެރި މުޖުމައުއެއް ބިނާކުރުމަށެވެ.

އެމްޑީޕީގެ މެނިފެސްޓޯ ބަހާފައި ވަނީ ފަސް ސިޔާސަތެއްގެ މައްޗަށެވެ. އެއީ:

1. އުފާވެރި ދިރިއުޅުން

2. އަމާން މުޖުތަމައު

3. ޒުވާނުންގެ އާޖީލު

4. އިގުތިސާދީ ބޮޑު ބަދަލު

5. ހެޔޮވެރިކަން

ރޭ އިފްތިތާހު ކުރި އުފަވެރި ދިރިއުޅުން ބަހާލާފައި ވަނީ ތިން ބަޔަކަށެވެ. އެއީ ދުޅަހެޔޮ ބަދަހި މުޖުތަމައު އާއި އުފެއްދުންތެރި ފުދުންތެރި ޖީލު އަދި ޝާމިލު އޯގާތެރި ރައްޔިތުން، މިސިޔާސަތުގެ ދަށުން ބޭހާއި ސިއްހީ ވަސީލަތްތައް ފޯރުކޮށްދިނުމާއި އެއްގަމާއި ކަނޑާއި ވައިގެ މަގުން އަވަސް ފަރުވާ ލިބެނޭ އިންތިޒަމްތައް ހަމަޖެހިގެންދާނެ އެވެ. އަދި ދަރިމައިނުވުމުގެ މައްސަލަތަކަށް ލިބޭ އިންޝުއަރެންސް ފުޅާކުރުން ހިމެނެ އެވެ.

މީގެ އިތުރުން މަތީ ތައުލީމަށް މިއަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ހަދައިދިނުމަށް ހިމަނާފައިވެ އެވެ. އެގޮތުން މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އަލުން މުރާޖާކޮށް ލޯނުގެ ވަކި އަދަދެއް މައާފްކޮށްދިނުން ހިމެނެ އެވެ. ދަރިވަރުންނަށް ސްޓޫޑަންޓު ލޯނު ދެއްކުމުގެ ގްރޭސް ޕީރިއަޑް އިތުރުކޮށް ވަޒީފާއެއް ލިބުނު ކަން ކަށަވަރުވުމުން ލޯނު އަނބުރާ ދެއްކޭ އުސޫލަށް ބަދަލުކުރުމަށް ހިމަނާފައިވެ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ތިބި ބިދޭސީން މަސައްކަތް ކުރާ ޕްރޮފެޝަނަލް ދާއިރާތަކަށް ދިވެހީންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހެދުމާއި އެ ދާއިރަތަކަށް ދިވެހި ދަރިވަރުން އުފެއްދުމަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް މެނިފެސްޓޯގައި ހިމަނަފައިވެ އެވެ.